އައްޑޫގައި މިރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި އަފްޣާނިސްތާނުގެ ޓީމުގެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކު ފިޔަވައި އެހެން ކުޅުންތެރިންގެ ހާލު ރަނގަޅު ކަމަށާއި އެ ހުރިހާ ކުޅުންތެރިން މިރޭ ދޫކޮށްލާނެ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ މިރޭ ސަން އަށް ވިދާޅުވީ، އެކްސިޑެންޓާ ގުޅިގެން ހޮސްޕިޓަލަށް ގެނައި އަފްޣާން ޓީމުގެ ކުޅުން ތެރިންގެ ތެރެއިން އެ ޓީމްގެ މިޑްފީލްޑަރު މުސްތަފާ އަޒަދުޒޯއީގެ އުނަގަނޑަށް ތަދުވާތީ އޭނާ އަަށް އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށެވެ.

ނަމަވެސް އޭނާގެ އެކްސްރޭއެއް ނަގާފައި ބެލިއިރު ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް ހަފްސާ ވިދާޅުވި އެވެ.

" ބަސް އެކްސިޑެންޓްވި ވަގުތު ކުއްލިއަކަށް މަޑުކޮށްލުމުން އެކިތަންތަނުގައި ޖެހިގެން ކުޅުންތެރިންނަށް އެކިކަހަލަ ޒަހަމްތައް ލިބިފައިވަނީ. ބައެއް ކުޅުންތެރިންގެ ކަކޫ ދުޅަވެފައި ހުރީ، އަނެއް ބައި ކުޅުންތެރިންގެ ގައިގެ އެކި އެކި ތަންތަނަށް ތަދުވުމާއި އެކްސިޑެންޓްގެ ސަބަބުން ޝޮކްގައި ތިިބި ކުޅުންތެރި ތިބީ،" ހަފްސާ ވިދާޅުވި އެވެ.

ހިތަދޫ ހޮސްޕިޓަލުން ބުނީ އަފްޣާނިސްތާނު ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ޑިސްޗާޖް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ޑޮކިއުމަންޓްތަކުގެ މަސައްކަތް ނިމުމުން އެމީހުން ދޫކޮށްލާނެ ކަމަށެވެ.

މިއެކްސިޑެންޓު ހިނގާފައިވަނީ އައްޑޫ ސިޓީ ހަންކެޑެ ސަރަޙައްދުން އަފްޣާން ޓީމު ގޮވައިގެން މޮޓޮކޭޑް ދަތުރުކުރަމުން ދަނިކޮށް މަގުގެ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހަކު ކުއްލިއަކަށް ކޭޑު ކުރިމަތިން ސައިކަލްގައި ހުރަސްކުރަން އުޅެނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.