24 May 2014, 20:47
އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ރާއްޖެއާ ދެކޮޅަށް ވެސް ނުކުންނާނީ ކާމިޔާބީއެއް ހޯދަން ކަމަށް ފިލިޕީންސްގެ ކޯޗު ތޯމަސް ޑޫލޭ ބުނެފި އެވެ.
ޗެލެންޖް ކަޕްގެ ސެމީ ފައިނަލަށް ފިލިޕީންސް ދަތުރު ކޮށްފައި ވަނީ ގްރޫޕް ބީގެ ފަހު މެޗުގައި ގައުމީ ފުޓްބޯޅަ ދަނަޑުގައި މިއަދު ހަވީރު 4:00 ގައި ތުރުކުމެނިސްތާނާ ދެކޮޅަށް ކުޅުނު މެޗް 2-0 ލަނޑުން ކާމިޔާބުކޮށް، ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ހަތް ޕޮއިންޓާއެކު އެވެ.
މިއަދުގެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފިލިޕީންސްގެ ކޯޗު ތޯމަސް ޑޫލޭ ބުނީ މެޗުގެ ފުރަތަމަ ހާފަށްވުރެ ދެ ވަނަ ހާފުގައި ޓީމުން ދެއްކި ކުޅުން ފުރިހަމަ ކަމަށާއި މެޗުން މޮޅުވުމުގައި އެންމެ އިސްރޯލެއް އަދާ ކުރި ކުޅުންތެރިއަކީ ކީޕަރު މުލާ ކަމަށް ކޯޗް ޑޫލޭ ބުންޏެވެ.
"ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރު ކުރުމުން ހުރިހާ ކުޅުންތެރިންނަށް ހޫނު މަރުހަބާ އެއް ކިޔަން. ސެމީ ގައި ރާއްޖެއާ ދެކޮޅަށް ނުކުންނާނީ ކާމިޔާބީއަކަށް. މިއަދުގެ މެޗުން ޓީމް މޮޅު ކޮށްދިނުމުގައި އެންމެ މުހިންމު ރޯލެއް ކުޅުނީ ކީޕަރު." ކޯޗް ޑޫލޭ ބުންޏެވެ.
މިއަދުގެ މެޗުގައި ތުރުކުމެނިސްތާންގެ ބޮލިޔަން ޖެހި ޕެނަލްޓީ، ކީޕަރު މުލާ ދިފާއު ކޮށްފައި ވުމުން، މެޗްގެ ބާކީ ބައި ކުޅުމަށް ޓީމަށް އާހިތްވަރެއް ލިބިގެން ދިޔަ ކަމަށް ވެސް ކޯޗް ޑޫލޭ ބުންޏެވެ.
ކޯޗް ޑޫލޭ ބުނީ، ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ސްޓެފަން ޝްރޮކް ބަދަލުކުރީ ސެމީ ފައިނަލްގެ މެޗަށް ވިސްނުމަށްފަހު ކަމަށާއި ސެމީއަށް ނުކުންނަ އިރު ޓީމުގައި ސީރިއަސް އަނިޔާ ލިބިފައިވާ އެއް ވެސް ކުޅުންތެރިއަކު މިވަގުތު ނެތް ކަމަށެވެ.
ސެމީ ފައިނަލްގައި ރާއްޖެއާ ދެކޮޅަށް ފިލިޕީންސް ބައްދަލުކުރާ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ 9:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.