24 May 2014, 18:14
ރާއްޖޭގައި ކުރެވޭ ދޮށީގެ މަސްވެރިކަމާ ބެހޭ މައުލޫމާތު ދިނުމަށް ޚާއްސަ ސެމިނާރެއް ކޫއްޑޫ ފިޝަރީޒްގެ ފަރާތުން ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ބާއްވައިފި އެވެ.
މި މަހުގެ 21 އިން 23 އަށް ބެންކޮކުގައި ކުރިޔަށް ދިޔަ ދުނިޔޭގެ ކަނޑުމަސްވެރިކަމާ ބެހޭ އެންމެ ބޮޑު ކޮންފަރެންސް ކަމަށްވާ "އިންފޯ ފިޝް ޓޫނާ ކޮންފަރެންސް" ގައި ބައިވެރިވި ހުރިހާ ކުންފުނިތަކުން މި ސެމިނާރުގައި ބައިވެރިވި ކަމަށް ކޫއްޑޫއިން މައުލޫމާތުދެ އެވެ.
ކޫއްޑޫއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުގައި، "ޕޯލް އެންޑް ލައިން ފިޝިން އިންދަ މޯލްޑިވްސް" ގެ ނަމުގައި ކުރިޔަށް ގެންދިޔަ މި ސެމިނާރުގައި މި އަހަރު އިންފޯ ފިޝް ކޮންފަރެންސްގައި ބައިވެރިވި ދުނިޔޭގެ ނަން މަޝްހޫރު ކުންފުނިތަކުގެ އިތުރުން ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީގައި ހިމެނޭ ގިނަ ކުންފުނިތަކުން ބައިވެރިވި އެވެ.
ކޫއްޑޫއިން ބުނިގޮތުގައި، މި ކޮންފަރެންސްގެ ޝަރަފުވެރި މެހުމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތީ ރާއްޖޭގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ. މިނިސްޓްރީ އޮފް ފިޝަރީޒްގެ ބައިވެރިވުމާއެކު ކުރިޔަށް ގެންދިޔަ މިސެމިނާރުގައި ޕޯލް އެންޑް ލައިން ފައުންޑޭޝަން އާއި ގްރީންޕީސް އާއި އެމްއެސްސީ، ފަދަ ޖަމާޢަތަކުގެ އިތުރުން ރާއްޖޭގެ މަސްވެރިންގެ ޝުޢޫރު ހާމަކުރުމަށް ޓަކައި ކެޔޮޅަކު ވެސް ބައިވެރިވިކަމަށް ކޫއްޑޫގެ ބަޔާނުގައިވެ އެވެ.
ކޫއްޑޫ އިން ބުނީ، ދުނިޔޭގެ ވަރަށްމަދު ގައުމުތަކެއްގައިނޫނީ ދޮށީން މަސްވެރިކަން ނުކުރާ ކަމަށާއި އަދި ހާއްސަކޮށް ރާއްޖެއާއި އެއްގޮތަށް މުޅި އިންޑަސްޓްރީ ތިމާވެށްޓާއި ރައްޓެހި، ސަސްޓެއިނަބަލް މަސްވެރިކަމެއް އެހެން އެއްވެސް ގައުމަކުން ކުރަމުން ނުދާ ކަމަށެވެ.
މިސެމިނާރުގެ މައިގަނޑު ބޭނުއަކީ ތިމާވެށްޓަށް އެއްވެސް އަސަރެއްނުކުރާ ގޮތަށް ރާއްޖޭގައި ދޮށިން ބާނާ މަހަކީ ހާއްސަ އެއްޗެއްކަން ދުނިޔޭގައި މަސްގަންނަ ފަރާތްތަކަށް އަންގައިދީ އިޝްތިހާރުކުރުން ކަމަށާއި ކޮންމެ ހާއްސަ އުފެއްދުމަކަށް އިތުރު އަގެއްވެސް ލިބޭނެ ކަމަށާއި، މިގޮތުން ރާއްޖޭގެ މަހަށް ބޮޑުއަގެއް ލިބޭނެ ކަމަށް ކޫއްޑޫއިން ގަބޫލުކުރާތީ، މިއީ އެއަގުހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބޭއްވުނު ސެމިނާރެއް ކަމަށް ވެސް ކޫއްޑޫގެ ނޫސް ބަޔާނުގައިވެ އެވެ.