ވަގު ލިޔެކިއުންތައް ހަދައިގެން އީރާނުގެ ހަތް ބޭންކަކުން ފައިސާ ނެގިކަމުގެ ކުށް ސާބިތުވެފައިވާ އީރާނުގެ ބިލިޔަނަރަކަށް އެގައުމުގައި މިއަދު މަރުގެ އަދަބުދީފި އެވެ.

އީރާނު ސަރުކާރުގެ ރަސްމީ ނިއުސް އެޖެންސީ އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީ (އިރްނާ) އިން ބުނީ އޮޅުވާލައިގެން ބޭންކް ތަކަކުން ފައިސާ ހޯދިކަމުގެ ކުށް ސާބިތުވެފައިވާ މާހް އަފަރީދު ޚޮސްރާވީއަށް މަރުގެ އަދަބު ދިނީ ވެރިރަށް ތެހެރާންގެ އެވިން ޖަލުގައި މިއަދު ހެނދުނު ކަމަށެވެ.

އަދި ބުނީ ބޭންކިން ސިސްޓަމް ހަލާކުކޮށްލައިގެން ނަހަމަ ގޮތުގައި އެތައް ބިލިޔަން ޑޮލަރެއް ހޯދިކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަމަށެވެ. އޭނާގެ މެރުމަށް ކުރި ހުކުމަށް އީރާނުގެ ސުޕްރީމްކޯޓުން ތާއީދުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

މާހް އަފަރީދު ވަގު ލިޔެކިއުންތައް ހަދައިގެން އީރާނުގެ ހަތް ބޭންކަކުން ފައިސާ ހޯދި މައްސަލަ ފެންމަތިވީ 2011 ވަނަ އަހަރު އެވެ. އެމައްސަލަ ތަހުގީގުކުރުމުން އެނގިފައި ވަނީ އޭނާ އެގޮތަށް 2.6 ބިލިޔަން ޑޮލަރު ހޯދާފައިވާ ކަމެވެ. އޭނާ އެގޮތުން ހޯދި ފައިސާ ބޭނުން އީރާނު ސަރުކާރުން ޕްރަވެޓައިޒޭޝަން ޕްރޮގްރާމެއް ހިންގި ދުވަސްވަރު ސަރުކާރުގެ ކުންފުނިތައް ގަތުމަށް ކަން ވެސް ތަހުގީގުން ވަނީ އެނގިފަ އެވެ.