28 Mar 2010, 11:33
14:30
މީޑިއާ އަށް ހަމަލާދޭ ފަރާތްތަކާ މެދު ސަރުކާރުން ޤާނޫނީ ފިޔަވަޅުއަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ފެށި ރާއްޖެއަށް އެހީދޭ ފަރާތްތަކުގެ ބައްދަލުވުން އިފްތިތާޙް ކޮށްދެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި މަހުގެ ކުރީކޮޅު ދިޓީވީ އާއި ހަވީރު ނޫހުގެ ބައެއް މުވައްޒަފުންނަށް ބަޔަކު މީހުން ބިރުދައްކައި ހަމަލާދީފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މިކަންކަން ކުރާ މީހުންނަކީ ގޭންގް މެންބަރުން ކަމުގައިވިޔަސް ނުވަތަ ގޭންގްތައް ކޮންޓްރޯލް ކުރާ ސިޔާސީ ފަރާތެއް ކަމުގައިވިޔަސް، މީޑިއާއަށް ހަމަލާދީ ނުވަތަ ހަމަލާދޭން ރާވާ ފަރާތްތަކާމެދު ސަރުކާރުން ފިޔަވަޅު އަޅުއްވާނެކަމުގެ ޔަޤީންކަން ދެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ނޫސްވެރިކަމުގެ މިނިވަންކަމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން މިދަނީ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން ކަމުގައި ވިދާޅުވި އެވެ.
ލިބިފައިވާ މިނިވަންކަމުގެ ތެރޭގައި މީޑިއާ ފަރާތްތައް ވެސް މިހާރަށްވުރެ ޒިންމާދާރުވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވަމުން، ރާއްޖެ ފަދަ ކުޑަ މުޖުތަމަޢެއްގެ ތެރޭގައި ދޮގު މަޢުލޫމާތު ފަތުރައި، މީހެއްގެ އަބުރު ނަގާލުމަކީ އެއްގޮތަކަށް ވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ހަރަކާތްތެރިވާ ޖަމްޢިއްޔާއެއް ކަމުގައިވާ "އާޓިކަލް 19" ގެ އެހީތެރިކަމާއެކު ސަރުކާރުން މިހާރު ވަނީ ބްރޯޑްކާސްޓްކުރުމާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާކަން ހާމަކުރައްވަމުން، މި ބިލުގެ ސަބަބުން ބްރޯޑްކާސްޓް މީޑިއާގެ މިނިވަންކަމާއި ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމުގައި ވިދާޅުވި އެވެ.