އަންނަ މަހު ބްރެޒިލްގައި ފަށާ ވޯލްޑްކަޕް 2014 އަށް ޚާއްސަކޮށްގެން "ވޯލްޑްކަޕް ގައިޑް 2014"ގެ ނަމުގައި ޚާއްސަ މެގެޒިންއެއް ސަން މީޑިއާ ގުރޫޕުން ނެރެފި އެވެ. ސަން މީޑިއާ ގްރޫޕުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މެގެޒިން ނެރެދިނީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ޢަލީ އަޝްފާގު (ދަގަނޑޭ) އާއި ވޯލްޑްކަޕުގައި ރެފްރީކަން ކުރި ރާއްޖޭގެ ހަމައެކަނި ރެފްރީ މުހައްމަދު ސައީދެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަން މީޑިއާ ގްރޫޕުގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ސަން އަކީ މިއަދު ރާއްޖޭގެ ލީޑިން ނޫސް ކަމަށާއި އެހެން ކަމުން ޚަބަރާއި މައުލޫމާތު އަވަހަށް ގެނެސްދިނުމަށް އަބަދުވެސް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެ ގޮތުން އާންމުންނަށް އެއިރަކު އެންމެ ބޭނުންތެރި މައުލޫމާތުތައް އެންމެ ފުރިހަމަގޮތުގައި ގެނެސްދިނުމަށް ސަން އިން އަބަދުވެސް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މެއި 24، 2014: ވޯލްޑްކަޕަށް ސަންއިން ތައްޔާރު ކުރި މެގަޒިން ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މުސާ

ހިރިގާ ވިދާޅުވީ މިދުވަސްވަރަކީ ކުޅިވަރު މޫސުން ކަމަށާއި އެހެން ކަމުން އާންމުން އެދޭ ފަދަ ފުރިހަމަ ކަވަރޭޖެއް ކުޅިވަރުގައި ވެސް ގެނެސްދިނުމަކީ ސަން މީޑިއާ އިން މިދުވަސްވަރު ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށެވެ. އެ ގޮތުން މިއަދު ނެރުނު "ސަން ވޯލްޑްކަޕް ގައިޑް 2014"އަކީ މި ވިސްނުމުގެ ތެރެއިން ސަން އިން ކުރިޔަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށާއި ކުޅިވަރު ކަވަރު ކުރުމުގައި މިހާރަށް ވުރެ ވެސް ބޮޑު ފުރިހަމަކަމެއް ކުރިޔަށް އޮތް ތަނުގައި ފެނިގެންދާނޭ ކަމަށެވެ.
މެއި 24، 2014: ވޯލްޑްކަޕަށް ސަންއިން ތައްޔާރު ކުރި މެގަޒިން ނެރުމުގެ ރަސްމިއްޔާތައް ދަގަނޑޭ އައުމުން ސަންގެ ސީއީއޯ އޭނާ ރިސީވް ކުރަނީ-- ސަން ފޮޓޯ/ ފަޔާޒު މުސާ

"ސަން ވޯލްޑްކަޕް ގައިޑް 2014" ނެރެދެއްވި ކަމަށް ޓަކައި ހިރިގާ ވަނީ ރާއްޖޭގެ ވޯލްޑްކަޕް ރެފްރީ މުހައްމަދު ސައީދަށާއި ގައުމީ ކެޕްޓަން އަލީ އަޝްފާގަށް ޝުކުރުއަދާކުރައްވައިފަ އެވެ. އަދި ސަންގެ މެނޭޖްމެންޓުގެ ފަރާތުން ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް މި މެގެޒިންގެ ކޮޕީ އަކާއި މުހައްމަދު ސައީދަށް ވެސް މި މެގެޒިންގެ ކޮޕީއެއް މިއަދު ވަނީ ހަދިޔާކޮށްފަ އެވެ. ގައުމީ ޓީމުގެ ކުޅުންތެރީންނަށް ހަދިޔާކުރި މެގެޒިންތަކާ ހަވާލުވީ ގައުމީ ކެޕްޓަން އަލީ އަޝްފާގެވެ.

ސަން މީޑިއާ ގުރޫޕުގެ ސީއީއޯ ސިނާން ޢަލީ މިއަދު ވިދާޅުވީ ސަންގެ ވޯލްޑްކަޕް ގައިޑަކީ މުޅި ސަން މީޑިއާ ޓީމުން ގުޅިގެން ކުރި މަސައްކަތެއްގެ ނަތީޖާ ކަމަށެވެ. އެހެން ކަމުން ސަން މީޑިއާ ޓީމުގެ ހުރިހާ މެންބަރުންނަށް ވަކީން ޚާއްސަ ގޮތެއްގައި މި މެގެޒިންގެ ކޮންޓެންޓް ޓީމާއި ލޭއައުޓް އަދި ޑިޒައިން ޓީމަށް ޝުކުރުއަދާކުރައްވާ ކަމަށް ސިނާން ވިދާޅުވި އެވެ.

"ސަތޭކަ ފަސްދޮޅަށް ދެ ސޮފުހާގެ މި ފޮތަކީ ސަން ޓީމުގެ ނަމޫނާ މަސައްކަތެއް. ބުރަ މަސައްކަތެއް. މި ބޮޑު މެގެޒިންގެ މަސައްކަތް އަޅުގަނޑުމެންގެ މުވައްޒަފުން މި ކުރީ އެހެން ޑިއުޓީތައް ވެސް އަދާކުރަމުން މި ކަމަށް އިތުރުވަގުތު ދީގެން. މި ހުރިހާ ކަމެއް ފާހަގަކޮށް ހުރިހާ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން،" ސިނާން ވިދާޅުވި އެވެ.

ސަން މެގެޒިންގެ ކޮންޓެންޓް ޓީމުގެ ފަރާތުން މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވި ގޮތުގައި "ސަން ވޯލްޑްކަޕް ގައިޑް 2014"އަކީ މި ފަހަރުގެ ވޯލްޑްކަޕާ ގުޅިގެން ރާއްޖޭގައި ނެރޭ އެންމެ މައުލޫމާތު މުއްސަނދި މެގެޒިން އަށް ވެގެން ދާނެ އެވެ. އެ ގޮތުން މި މުބާރާތާ ގުޅޭ ގޮތުން ކިޔުންތެރީން ބޭނުންވާނޭ ހުރިހާ މައުލޫމާތެއް މި މެގެޒިންގައި ހިމަނާފައި ވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި، މުބާރާތުގައި ވާދަ ކުރާ ހުރިހާ ޓީމު ތަކާއި ސްޓޭޑިއަމް ތަކާއި މުހިންމު ކުޅުންތެރީންނާއި، ގުރޫޕުތައް ބެހިފައިވާ ގޮތާއި ޓީމުތައް މުބާރާތަށް ކޮލިފައިވީ ގޮތާއި މުބާރާތުގެ އެންމެ މަގުބޫލު ކުޅުންތެރީންނާއި ވޯލްޑްކަޕްގެ ތާރީޚުގައި އެންމެ ފާހަގަ ކުރެވޭ ކުޅުންތެރީންނާއި މި ފަހަރުގެ ވޯލްޑްކަޕްގެ އެންމެ އުއްމީދީ ކުޅުންތެރީންގެ މައުލޫމާތު ހިމެނޭނެ ކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ. މީގެ އިތުރުން ވޯލްޑްކަޕްގެ ތާރީޚާއި މުބާރާތުގައި ބޭނުންކުރާ ބޯޅަ (ބްރަޒޫކާ) އާއި ވޯލްޑްކަޕް ޓްރޮފީ ގެ މުހިންމު މައުލޫމާތު ތަކުގެ އިތުރުން ވޯލްޑްކަޕު ބާއްވާ ގައުމު ކަމަށްވާ ބްރެޒިލްގެ ތައްޔާރީ ތަކާއި މިބާރާތުގެ ރެފްރީންނާއި ބެހޭ މައުލޫމާތުތައް ފަދަ މުހިންމު މައުލޫމާތުތައް މި މެގެޒިންގައި ހިމެނޭނެ ކަމަށްވެސް އެ އޮފިޝަލު ވިދާޅުވި އެވެ.
މެއި 24، 2014: ވޯލްޑްކަޕަށް ސަންއިން ތައްޔާރު ކުރި މެގަޒިން ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މުސާ

ސަންގެ މާކެޓިން އިން ވިދާޅުވީ، މިރެއިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް މި މެގެޒިންގެ ޚާއްސަ ޕްރޮމޯޝަނެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ޕްރޮމޯޝަންގެ ތެރޭގައި "ސަން ވޯލްޑްކަޕް ގައިޑް 2014" ވިއްކަމުން ގެންދާނީ 85 ރުފިޔާ އަށް ކަމަށާއި ގަންނަ ކޮންމެ ފޮތަކާ އެކު، ރޮނާލްޑޯ، މެސީ ނުވަތަ ނޭމާގެ ޕޯސްޓަރަކާއި މުބާރާތުގެ މެޗު ޝެޑިއުލް އެއް ހިލޭ ލިބޭނެ ކަމަށް ސަންގެ މާކެޓިން އިން ވިދާޅުވި އެވެ.

"ޕްރޮމޯޝަންގެ ފަހުން މެގެޒިނެއް ގަންނަން ލިބޭނީ 100ރ އަށް. އެހެން ނަމަވެސް ޕްރޮމޯޝަންގެ ފަހުން ގަންނަ މެގެޒިން ތަކާ އެކު ވެސް ޕޯސްޓަރަކާއި މެޗު ޝެޑިއުލެއް ލިބޭނެ. ޕޯސްޓަރު ވަކިންނެއް ނުވިއްކާނެ. އެކަމަކު މެޗު ޝެޑިއުލެއް 25 ރުފިޔާ އަށް ގަންނަން ލިބޭނެ. މެޗު ޝެޑިއުލާއި ޕޯސްޓަރު ހުންނާނީ ބޮޑެތިކޮށް އޭ ޓޫ ސައިޒަށް،" ސަންގެ މާކެޓިން އިން ވިދާޅުވި އެވެ.
މެއި 24، 2014: ވޯލްޑްކަޕަށް ސަންއިން ތައްޔާރު ކުރި މެގަޒިން ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މުސާ

ސަންގެ މާކެޓިން އިން ވިދާޅުވީ މިރެއިން ފެށިގެން "ސަން ވޯލްޑްކަޕް ގައިޑް 2014" ބުކްޝޮޕް ތަކުން ގަންނަން ލިބޭ އިރު، މާދަމާއިން ފެށިގެން ކޮންމެ ދުވަހަކު ވެސް ހެނދުނު 09:00 އިން ހަވީރު 05:00 އަށް ސަން މީޑިއާ ގުރޫޕުގެ އިދާރާ، ގ. ވިޔަވަތިން ވެސް ގަންނަން ލިބޭނެ ކަމަށެވެ.
މެއި 24، 2014: ވޯލްޑްކަޕަށް ސަންއިން ތައްޔާރު ކުރި މެގަޒިން ނެރުމުގެ ރަސްމިއްޔާތުގެ ކުރިން، އަޝްފާގު ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ)އާ ބައްދަލުކޮށްލަނީ-- ސަން ފޮޓޯ/ ފަޔާޒު މުސާ

މި ފޮތް މާލޭގަ އާއި އަތޮޅުތަކުގެ ރަށްރަށުގައި ވިއްކަން ބަހައްޓަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް މިހާރުވަނީ ހުޅުވައިލައިފަ އެވެ. މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7970076 އަށެވެ.

"ސަން ވޯލްޑްކަޕް ގައިޑް 2014" ނެރުމަށް މިއަދު ސަން މީޑިއާގެ އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ތަނުގެ މުވައްޒަފުން ވެސް ބައިވެރިވި އެވެ.
މެއި 24، 2014: ވޯލްޑްކަޕަށް ސަންއިން ތައްޔާރު ކުރި މެގަޒިން ނެރުމުގެ ރަސްމިއްޔާތަށްފަހު، ސަން މީޑިއާ ގްރޫޕާއެކު ދަގަނޑޭ ފޮޓޯއަކަށް -- ސަން ފޮޓޯ/ ފަޔާޒު މުސާ