24 May 2014, 15:55
ރާއްޖޭގެ ފަސް ޒުވާނަކަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް އިން ހުރިހާ ހަރަދެއް ކޮށްގެން ޕައިލޮޓް ޓްރޭނިން ދޭން އެކުންފުނިން ނިންމައިފި އެވެ.
ޓީއެމްއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކެނެޑާގައި ޕައިލޮޓުންގެ ގޮތުގައި ތަމްރީނު ވުމުގެ ފުރުސަތު ހުޅުވާލީ " ޒުވާނާ"ގެ ނަމުގައި އެކުންފުނިން ހިންގާ ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ތަމްރީނުވާ ޒުވާނުން ތަމްރީނުވެ، ނިމުމުން އެކުންފުނިން ވަޒީފާ ދޭނެ ކަމަށް ވެސް ބުންޏެވެ.
ޕައިލޮޓެއްގެ ގޮތުގައި ތަމްރީނު ވުމުގެ އެ ފުރުސަތަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ ޖޫން މަހުގެ 20 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. ފުރުސަތު ލިބޭ ޒުވާނުންގެ ކިޔެވުން އަންނަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ކެނެޑާގައި ފެށޭނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ޓީއެމްއޭގެ މެނޭޖަރް ފޯ ޕަބްލިކް ރިލޭޝަންސް އެންޑް މާކެޓިން އިބުރާހީމް ޝިފާން ވިދާޅުވި ކަމަށް ބަޔާނުގައި ބުނެފައި ވަނީ ދިވެހިން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމުގެ މުހިއްމުކަން އެކުންފުންޏަށް ވިސްނޭ ކަމަށެވެ.
"ދިވެހި ޒުވާނުންނަށް ވަޒީފާގެ މުހިއްމުކަން އޮތް ވަރު ޓީއެމްއޭ އަށް ވިސްނެ އެވެ. އަދި ދިވެހި ގިނަ ޒުވާނުންތަކެއްގެ ހުވަފެނެއް ކަމަށްވާ ޕައިލޮޓެއްގެ ގޮތުގައި ކެރިއަ ތަރައްގީ ކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ. ޝިފާން ވިދާޅުވެފައިވެ އެވެ.