މިދުވަސްވަރު ރާއްޖެ އަށް ކުރަމުން ގެންދާ ވިއްސާރައާ ގުޅިގެން ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖިކަލް ސާވިސް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ "ވައިޓް އެލާޓް" ނެރެފައި ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެތީ އެކަމަށް ސަމާލުވުމުގެ ގޮތުން ނެރެެފައިވާ އެލާޓެއް ކަމަށެވެ.

ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި އާންމުގޮތެއްގައި ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ކަމަށް ވެސް މެޓުން ލަފާ ކުރާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ހުޅަނގުދެކުނާއި ހުޅަނގުން، އުތުރު އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި މެދުތެރެ އާއި ދެކުނުގެ އަތޮޅުތަކަށް، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވާނެ ކަމަށާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެ، ދެކުނާއި މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވެގެންދާނެ ކަމަށް ވެސް މެޓުން ބުންޏެވެ.

މޫސުން މިހާރަށް ވުރެ ގޯސްވާނަމަ ޔޮލޯ އެލާޓް ނެރޭނެ ކަމަށް ވެސް ބުންޏެވެ.