24 May 2014, 14:47
ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ކުޑަ ލޯންޗެއް ބަލައިފާސްކޮށް އެ ލޯންޗް ތެރެއިން 10 ކޭސް ބިޔަރު ދަޅު ފުލުހުން ހޯދައިފިއެވެ.
ފުލުހުން ބުނީ ބިޔަރު ދަޅުތައް ފެނިފައިވަނީ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑްރަގް އިންޓެލިޖެންސާއި ޑްރަގް އޮޕަރޭޝަން ޔުނިޓްގެ އިތުރުން މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިއަދު ހެނދުނު 10:30 އެހައިކަށް ހާއިރު ކަމަށެވެ.
ބިޔަރު ދަޅު ކޭސްތައް ފެނިފައި ވަނީ ފުލުހުން އެ ލޯންޗަށް އަރައި އެލޯންޗް ބަލައިފާސްކުރިއިރު އެލޯންޗްގައި ރައްކާކޮށްފައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އެ ލޯންޗް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި ނަމަވެސް ތުހުމަތުކުރެވޭ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ތުހުމަތުކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މި ލޯންޗް ތެރެއިން ފެނުނު ބިޔަ ދަޅުތަކުގެ މަގުމަތީ އަގު -/72000 ރުފިޔާ އަރާ ކަމަށް ފުލުހުން ބުންޏެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.