24 May 2014, 14:17
މީލާދީން 18 ވަނަ ގަރުނުގައި އިންޑިއާގައި އޮތް އިނގިރޭސީންގެ އިސްތިއުމާރާ ދެކޮޅަށް ހަނގުރާމަކޮށް ގަތުލުވީ ރަސްކަލެއް ކަމަށްވާ ތިއްޕޫ ސުލްތާންގެ އަނގޮޓިކޮޅެއް 145،000 ޕައުންޑަށް ވިއްކާލައިފި އެވެ.
ލަންޑަންގައި އޮތް ނީލަމެއްގައި އެއަނގޮޓިކޮޅު ވިއްކާލާފައި މިވަނީ އެއަނގޮޓިކޮޅު އާއްމު ރައްޔިތަކަށް ވިއްކާ ނުލުމަށް ތާރީހާ ސަގާފަތް ހިމާޔަތްކުރާ ޖަމާއަތްތަކުން ގޮވަމުން ދަނިކޮށް ކަމަށް ދަ ޓައިމްސް އޮފް އިންޑިއާ ނޫހުން ބުންޏެވެ.
ތިއްޕޫ ސުލްތާންގެ އަނގޮޓިކޮޅު އިނގިރޭސިންނަށް ލިބުނީ އީސްޓް އިންޑިއާ ކޮމްޕެނީގެ ސިފައިންނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެރަސްގެފާނު ގަތުލު ވުމުންނެވެ. ހިންދޫއިންގެ ކަލާންގެއެއް ކަމަށްވާ ރާމާގެ ނަން ކަނޑާނަގައިގެން ރަނުން ހަދާފައިވާ އެއަގޮނޓިކޮޅަކީ ތިއްޕޫ ގަތުލުވި އިރު ތުރު ތުރުކުރައްވައިގެން ހުންނެވި އަނގޮޓިކޮޅެއް ކަމަށް ބެލެވެ އެވެ.
މައިސޫރުގައި އޮތް މުސްލިމުންގެ ރަސްކަމުގެ އެންމެ ފަހު ރަސްގެފާނު ތިއްޕޫ ސުލްތާނަކީ އިންޑިއާގެ ތާރީހުގައި "މައިސޫރުގެ މިނިކާ ވަގު"ގެ ގޮތުގައި މަޝްހޫރު ރަސްކަލެކެވެ. މީލާދީން 1779 ވަނަ އަހަރު އެރަސްގެފާނު ގަތުލުވީ މައިސޫރުގެ ރަސްކަމުގެ ވެރިރަށް ޝްރިރަންގްޕަޓްނާއަށް އިނގިރޭސިން ހަމަލާދިނުމުން ސިފައިންގެ ބައެއް މީހުން ރަސްގެފާނަށް ހިޔާނާތްތެރިވުމުން ކަމަށް އިންޑިއާގެ ތާރީޚު އިލްމުވެރިން ލިއުއްވާފައިވެ އެވެ.