24 May 2014, 11:46
ހަރުކަށި ހިންދޫ ވަތަނީ ވިސްނުމުގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ލީޑަރު ނަރެންދުރާ މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފު ވަޑައިގަންނަވާނެ ކަމަށް އެގައުމުން ބުނެފި އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރުގެ އޮފީހުގެ ޖޮއިންޓް ސެކްރެޓަރީ މުހިއްޔުންދީން ވާނީ އާ ހަވާލާދި ރޮއިޓާސް ބުނީ މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ދެއްވި ދައުވަތު ޝަރީފު ގަބޫލުކުރައްވާފައިވާ ކަމަށެވެ.
މޯދީގެ ދައުވަތު ނަވާޒް ޝަރީފު ގަބޫލުކުރައްވާފައި މިވަނީ އެ މައްސަލައިގައި ޕާކިސްތާނުގައި އުފެދުނު ހިޔާލުތަފާތުވުން ތަކަކަށް ފަހުގަ އެވެ. ޝަރީފު ވަޑައިގެންނެވުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާކިސްތާން މުސްލިމް ލީގް – އެން (ޕީއެމްއެލް-އެން) އިން ކުރިން ވަނީ ބުނެފަ އެވެ. އެ ޕާޓީގެ ތަރުޖަމާނު ސިއްދީގުލް ފާރޫގު ބުރާސްފަތި ދުވަހު ވިދާޅުވެފައި ވަނީ މައްސަލަތަކާ މެދު މަޝްވަރާ ކުރައްވަން ލިބިވަޑައިގަންނަވާ ފުރުސަތަކަށް އެކަން ވާނެ ކަމަށެވެ.
"... ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން އަޅުގަނޑު ދެކެނީ. މޯދީގެ ދައުވަތު ނަވާޒް ޝަރީފު ގަބޫލުކުރައްވާނެ ކަމަށް. އަދި ގަބޫލުކުރައްވައި މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަކީ މުހިއްމު ކަމެއް ކަމަށް. މުސްލިމުންނާ ދެކޮޅަށް ފިޔަވަޅު އެޅުއްވި ކަމަށް މޯދީގެ މައްޗަށް ކުރެވޭ ތުހުމަތާ މެދު މަޝްވަރާ ކުރައްވަން ލިބޭ ފުރުސަތަކަށް ވެސް އެކަން ވާނެ. އަނެއްކޮޅުން ސާކްގެ ހުރިހާ ގައުމެއްގެ ވެރިންނަށް ދައުވަތު ދެއްވާފައި ވާތީ އެރަސްމިއްޔާތުގެ ހަވާސާގައި އޮންނަ ބައްދަލުވުންތައް ވާނީ ނުރަސްމީ ސާކް ސަމިޓެއް ފަދަ ކަމަކަށް،" އޭބީޕީއަށް ފޯނުން ދެއްވި އިންޓަވިއުގައި ފާރޫގު ވިދާޅުވެފައިވެ އެވެ.
ނަން ހާމަ ނުކުރާ އޮފިޝަލަކު އިންޑިއާގެ ހިންދުސްތާން ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ޝަރީފު އިންޑިއާ އަށް ވަޑައިގެންނެވުމަށް ޕާކިސްތާނު ސިފައިންގެ ވެރިޔާ އަދި އެއްބަސްވެވަޑައި ނުގަންނަވާ ކަމަށެވެ. އެކަމަށް ސިފައިން ރުހުން ދިނުމުގެ ކުރިން މޯދީއާއި ޝަރީފު ދައްކަވާނެ ވާހަކަފުޅުތަކުގެ ރޯޑްމެޕެއް ބޭނުންވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވެފައިވެ އެވެ.
އިންޑިއާގެ ބޮޑުވަޒީރަކު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޕާކިސްތާނުގެ ބޮޑުވަޒީރު ވަޑައިގެންނެވުން ވާނީ ވަރަށް ތާރީހީ ކަމަކަށެވެ.
ޕާކިސްތާނާ އިންޑިއާއަށް 1947 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން އެދެގައުމުން ދެހަނގުރާމައެއް ކޮށްފައިވެ އެވެ.
ނަރެންދުރާ މޯދީ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމަށް އަންނަ އާދީއްތަ ދުވަހު ބާއްވާ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ސައުތު އޭޝިއަން އެސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ އަށް ގައުމުގެ ވެރިންނަށް ވެސް ދައުވަތު ދެއްވިއެވެ. ރާއްޖެއާއި އަފްޣާނިސްތާނާއި ސްރީލަންކާއިން އެދައުވަތު ކުރިން ވަނީ ގަބޫލުކޮށްފަ އެވެ.