ރާއްޖޭގައި މިހާރު ކުރިއަށްދާ އޭއެފްސީ ޗެލެންޖް ކަޕުގެ ސެމީ ފައިނަލް މެޗްގެ ޓިކެޓް މިއަދު ވިއްކާނެ ކަމަށް ހީކޮށް ބޯވާރޭގައި ގިނަ ބަޔަކު ކިޔޫހަދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑު ސަރަހައްދުގައި ކިޔޫގައި ހުރި މީހަކު ބުނީ މިއަދު ޓިކެޓު ވިއްކާނެ ކަމަށް ހީކޮށް ކިޔޫ ހަދަން ފަށާފައި ވަނީ މިއަދު ހެނދުނު 8:00 ގައި ކަމަށެވެ.

ސަންގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު ވެހެމުންދިޔަ ވާރޭގައި ދެ ޖިންސްގެ ގިނައަދަދެއްގެ ބަޔަކު ޓިކެޓު ގަންނަން ކިޔޫ ހަދައިގެން ތިއްބެވެ.

ގިނަ އިރުތަކެއްވަންދެން ކިޔޫގައި ތިބުމަށް ފަހު އެމީހުން އެނބުރިދާން ފަށާފައި ވަނީ 10:30 އެހައިކަށްހާއިރު އެވެ. ސަބަބަކީ ސެމީ ފައިނަލް މެޗުގެ ޓިކެޓު މިއަދު ނުވިއްކާތީއެވެ.

އެފްއޭއެމްގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އޭއެފްސީ ޗެލެންޖް ކަޕުގެ ސެމީ ފައިނަލް މެޗްގެ ޓިކެޓް ވިއްކަން ފަށާނީ މާދަން މެންދުރު 2:00 ގައި ކަމަށެވެ. ޓިކެޓް ވިއްކާނެ ތަންތަން އަދި ކަނޑަނޭޅޭ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

އޭއެފްސީ ޗެލެންޖް ކަޕުގެ ސެމީ ފައިނަލްގެ މެޗްތައް ކުޅޭނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. ސެމީފައިނަލްގައި ބައްދަލުކުރާނެ ޓީމްތައް ކަށަވަރުވާނީ މިއަދު ހަވީރު ކުޅޭ ގްރޫޕް ބީގެ އެންމެ ފަހު މެޗުތަކަށް ފަހުއެވެ.

ސެމީ ފައިނަލް މެޗްތަކުގެ ޓިކެޓްތައް ވެސް ވިއްކަނީ ކުރިން ޓިކެޓް ވިއްކި އަގު ކަމަށްވާ މެޗަކަށް 25 ރުފިޔާ އަށެވެ.