މޮސްކޯ (މޭ 24) : އީރާނުގައި ނިއުކްލިޔާ އިތުރު 7 ރިއެކްޓަރު ބިނާކޮށްދިނުމަށް އުސޫލެއްގެ ގޮތުން ރަޝިޔާ އެއްބަސްވެފައިވާކަން އެގައުމުން ހާމަކޮށްފި އެވެ.

ރަޝިޔާ އިން އީރާނުގައި ނިއުކްލިޔާ ދެ ރިއެކްޓަރު ބިނާ ކުރުމާބެހޭ ގޮތުން އެގައުމާއި އީރާނާދެ މެދު ފަންނީ މާހިރުންގެ މެދުގައި މިހާރު ދެކެވެމުންދާ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ރަޝިޔާގެ މަސްއޫލުވެރިއަކު ވިދާޅުވީ މި ދެ ރިއެކްޓަރު ބިނާކުރުމުގެ އެއްބަސްވުމުގައި މިއަހަރުތެރޭގައި ސޮއިކުރެވޭނެ ކަމުގަ އެވެ. އަދި މި ދެރިއެކްޓަރާ އެކު ޖުމްލަ 7 ނިއުކްލިޔާ ރިއެކްޓަރު އީރާނުގައި ބިނާކޮށްދޭނެ ކަމުގެ ޔަގީންކަން ރަޝިޔާ އިން އީރާނަށް ދީފައިވާނެ ކަމަށް ވެސް ނަން ހާމަކުރަންނޭދޭ ރަޝިޔާގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.

އީރާނުގައި މިހާރުހުރި އެންމެ ބޮޑު ނިއުކްލިޔާ ރިއެކްޓަރު ކަމަށްވާ ބޫޝަހެރު ނިއުކްލިޔާ ސްޓޭޝަން ބިނާކޮށްދީފައިވަނީ ވެސް ރަޝިޔާއިންނެވެ. ދެ ބިލިޔަން އެމެރިކާ ޑޮލަރުގެ މި ރިއެކްޓަރުން އެތައްހާސް މެގަވޯޓެއްގެ އިލެކްޓްރިކް ކަރަންޓް އުފައްދައިދޭ އިރު އެރިއެކްޓަރު 2012 ވަނަ އަހަރު ވަނީ އީރާނުގެ ކަރަންޓްގެ މައި ނެޓްވާކާ ގުޅާލާފަ އެވެ. އީރާނުގައި ނިއުކްލިޔާ އިތުރު ރިއެކްޓަރުތަކެއް ބިނާކޮށްދޭނެކަން ރަޝިޔާ އިން ހާމަކޮށްފައި މިވަނީ އީރާނުގެ ނިއުކްލިޔާ ޓެކްނޮލޮޖީ އަށް ހުރަސްއެޅުމުގައި ރަޝިޔާގެ އެހީތެރިކަން އެމެރިކާ އިންތިހާ އަށް ބޭނުންވެފައިވާ ދަނޑިވަޅެއްގަ އެވެ.

މީގެ އިތުރުން ޔުކްރޭންގެ މައްސަލާގައި އެމެރިކާ އިން ރަޝިޔާއާ ދެކޮޅަށް ބައެއް ފިޔަވަޅުތައް އަޅާފައިވާ މިދަނޑިވަޅުގައި އީރާނުގައި ނިއުކްލިޔާ އެތައް ރިއެކްޓަރެއް ބިނާކޮށްދޭނެކަން ރަޝިޔާ އިން ހާމަކުރުމުން އެމެރިކާ ކަންބޮޑުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް ފިނިހަނގުރާމައަށް ފަހު ދުނިޔޭގައި އޮތް އެމެރިކާގެ ބާރާއި ނުފޫޒު މިހާރު ވަނީ ވަރަށްބޮޑަށް ކުޑަވެގެން ގޮސްފަ އެވެ. (ނޫސްއެޖެންސީތައް)