އައްޑޫ ސިޓީން: އަލީ ރިފްޝާން

އައްޑޫ ފުޓްބޯޅަ ދަނޑުން މިހާރު އެންމެ ގިނައިން ފެންނަމުންދާ އެއް މަންޒަރަކީ އެ ދަނޑަށް ވަނުމަށް އައިސް ތިބި ގިނަ ސަޕޯޓަރުންތަކަކަށް ދަނޑަށް ނުވަދެވިގެން ގޭޓްތައް ކައިރީ ހިތްހަމަނުޖެހުން ފާޅުކުރަމުންދާ މަންޒަރެވެ. އައްޑޫ ދަނޑަށް ނުވެދެވެނީ އެތަނުގެ ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުންނެވެ.

މިހާތަނަށް އެންމެ ގިނަ މީހުންނަށް ދަނޑަށް ނުވަދެވިފައި ވަނީ އަފްޣާނިސްތާނާއި ތުރުކުމެނިސްތާނު ބައްދަލުކުރި މެޗެވެ. މެޗު ފެށެން ކުޑަތަން ވެފައި ވަނިކޮށް ކަންބޮޑުވެފައި ތިބި މީހުންގެ ގޮވުމަކަށް ވެގެންދިޔައީ "ކޮބާ މަގޭ ޓިކެޓް. ޓިކެޓެއް ހުހެއް ނުވާނެ. ޓިކެޓްތައް ކޮބާ؟" މި އަޑެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގެ ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ދަނޑަށް ވަދެވެނީ ގާތްގަނޑަކަށް 800 ސަޕޯޓަރުންނަށެވެ. އެހެންކަމުން އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ ޖާގަ ތަނަވަސް ދަނޑަކަށް އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް ހެދުމެވެ.

"އަޅުގަނޑުމެން ވަރަށް ގިނަ އިރު ވަންދެން ދަނޑަށް ނުވަދެވިފައި ތިބެން. ހާއްސަކޮށް އޭއެފްސީ ޗެލެންޖް ކަޕުގެ މެޗުތަކެއް އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ އިރު، ގިނަ ބަޔަކަށް ނުވެދުމަކީ ވަރަށް ބޮޑު މައްސަލައެއް. އެންމެން ވެސް ބޭނުން ވަނީ މެޗު ބަލައިލުމަށް ދަނޑަށް ވަންނަން. އެހެންކަމުން މި ސްޓޭޑިއަމްގެ ޖާގައިގެ ދަތިކަން ފިލުވައި ދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. ކޮޅަށް ތިބެގެން ނަމަވެސް އަޅުގަނޑުމެން މެޗު ބަލައިލަން ބޭނުން،" އަފްޣާނިސްތާނާއި ފިލިޕީންސް ކުޅުނު މެޗަށް ނުވަދެވުނު މީހަކު 'ސަން' އަށް މައުލޫމާތު ދެމުން ބުންޏެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުޅޭ ޗެލެންޖް ކަޕުގެ މެޗުތަކުގެ ޓިކެޓުތަކަކީ ވިއްކާ ޓިކެޓްތަކެއް ނޫނެވެ. އެއީ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ހިލޭ އެހީގެ ދަށުން ބަހަމުންދާ ޓިކެޓްތަކެކެވެ. މި ޓިކެޓްތައް ބަލައިގަތުމަށް ގިނަ ބަޔަކު ކިޔޫ ހަދާ އިރު، ގިނަ ބަޔަކަށް ޓިކެޓް ލިބުމުގެ ފުރުސަތު ގެއްލެ އެވެ.

މިކަމާއި ބެހޭ ގޮތުން 'ސަން' އަށް މައުލޫމާތު ދެމުން އައްޑޫ ސިޓީގެ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެންމެ އިސް މަންދޫބު އަހުމަދު މަރްޒޫގް (މަރޭ) ވިދާޅުވީ މިއަށް ވުރެ، އިތުރަށް މީހުންނަށް ވަދެވޭނެ ކަމަށާއި އަފްޣާނާއި ތުރުކުމެނިސްތާނު ބައްދަލުކުރި މެޗަށް ގާތްގަނޑަކަށް 800 މީހުން ވަދެ ތިބި ކަމަށެވެ.

"މިއަދު ވަދެ ތިބީ 800 ވަރަކަށް މީހުން. އެކަމަކު ވާގޮތަކީ އަސްލު 1000 ޓިކެޓްގެ ތެރެއިން ޓީމުތަކަށް ވެސް އެބަ ދޫކުރޭ ޓިކެޓްތައް. މިއަށް ވުރެ، ގިނަ ބަޔަކަށް ވަދެވޭ ވަރަށް ދަނޑުގައި ޖާގަ އެބައޮތް. ޓިކެޓް ނެތޭ ކިޔާފަ މީހުން ޝަކުވާ ކުރުމުން އަޅުގަނޑުމެން ދަނޑަށް ވެދެ ތިބި މީހުންގެ އަދަދު ބެލިން. އަޅުގަނޑުމެން އެއެއް ބަލައިލުމުން ގާތްގަނޑަކަށް 800 ވަރަކަށް މީހުން ދަނޑަށް ވަދެ ތިބި،" މަރޭ ބުންޏެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުޅި ބަލަން ތިބޭ މީހުންނަށް ހަދާފައިވާ ވޮސްޓްރަމް ހުންނަނީ އެންމެ ފަޅުއެއްގަ އެވެ. އެހެންކަމުން ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަށް ދަނޑަށް ނުވަދެވި ތިބޭ މީހުން މެޗުތައް ބަލަނީ ދަނޑު ބޭރުގައި ތިބެގެންނެވެ.