24 May 2014, 10:55
އެސްޓީއޯ އަށް ސަރުކާރުން ދައްކަން ހުރި ފައިސާގެ ތެރެއިން 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ އާދަމް އާޒިމް މިއަދު ސަން އަށް ވިދާޅުވީ މި ސަރުކާރުން އެސްޓީއޯ އަށް ދައްކަން ހުރި ފައިސާތައް ދެއްކުމަށް ވަރަށް ބޮޑު އެއްބާރުލުމެއްދޭ ކަމަށާއި އެގޮތުން މިހާތަނަށް 700 މިލިއަން ދައްކާފައިވާ ކަމަށެވެ.
އާޒިމް ވިދާޅުވީ އެސްޓީ އަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާ ހޯދުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެސްޓީއޯ އިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ހިޔާލު ފާޅުކުރި ގިނަ ހިއްސާދާރުން ވަނީ ސަރުކާރުން އެސްޓީއޯ އަށް ދައްކަން ޖެހޭ ފައިސާ ނުދައްކާތީ އެކަމާ ކަންބޮޑުވުން ފާޅޫކޮށްފަ އެވެ. އެސްޓީއޯ އަށް ނުލިބި ހުރި ފައިސާތައް ހޯދުމަށް ގިނަ މަސައްކަތް ތަކެއް ކޮށްދިނުމަށް އެދިފައިވެ އެވެ.
ހިއްސާދާރުންގެ އެސުވާލުތަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ އާދަމް އާޒިމް ވިދާޅުވީ، އާ ސަރުކާރުން ހަވާލުވުމަށް ފަހު އެސްޓީއޯ އަށް ލިބެން ޖެހޭ ފައިސާތައް ހޯދުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ. އަދި އެ ފައިސާތައް ހޯދުމަށް އެސްޓީއޯ އިން ބުރަ މަސައްކަތެއް ކުރަމުންދާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ސަރުކާރުން އެސްޓީއޯ އަށް ނުދައްކާ ހުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.