ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) ދަނޑު މަތީ ދައްކަމުން އަންނަ ކުޅުމަކީ "ޖާދޫގަރެއްގެ ފަރާތުން ފެންނަ ކަހަލަ މޮޅެތި އުކުޅު ތަކެއް" ކަމަށް އޭއެފްސީ ޗެލެންޖް ކަޕް ކަވަރުކުރުމަށް ހަރަކާތް ތެރިވާ އޭއެފްސީ ޑޮޓް ކޮމްގެ އިނގިރޭސި ވިލާތުގެ ނޫސްވެރިޔާ ޝައިމަން ވިލްސަން ބުނެފި އެވެ.

ސައިމަން ބުނީ، މިފަހަރުގެ ޗެލެންޖް ކަޕްގައި ރާއްޖެ ގްރޫޕް ސްޓޭޖްގައި މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް އަޝްފާގް ސިފަ ކުރެވުނީ މުޅިން ވެސް ތަފާތު ހުނަރުތައް ދައްކާ މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ކަމަށާއި އަޝްފާގަކީ ފުޓްބޯޅަ ކުޅުމުގައި އަރާ ހުރި އަލިގަދަ ތަރިއެއް ކަމަށެވެ. އަދި ބޯޅަ ލިބުމުން އިދިކޮޅު ޓީމުގެ ކުޅުންތެރިން ހާސްކޮށްލުމުގެ ތަފާތު ވައްޓަފާޅިތައް އަޝްފާގުގެ ކިބައިގައި އެބަ ހުރި ކަމަށް ވެސް ސައިމަން ބުންޏެވެ.

"އަޝްފާގަކީ ދަނޑު މަތީގައި ހަމަ ޖާދޫގަރެއް. މުބާރާތުގައި ރާއްޖެ ކުޅުނު ތިން މެޗުގައި ވެސް އަޝްފާގުގެ ފަރާތުން ފެނުނީ ބަލާހިތްވާ ކަހަލަ މޮޅު ކުޅުމެއް. އަޝްފާގް ބޯޅަ ގެންގުޅޭ ގޮތް ވެސް އަހަންނަށް ވަރަށް ކަމުދޭ. ބޯޅަހިފައިގެން ކުރިއަށްދާ ވަގުތު އަޝްފާގު ވަންނަ ގޮތުގެ ސަބަބުން އިދިކޮޅު ކުޅުންތެރިން ހާސްވާކަން ވެސް އަހަރެންނަށް ފާގަ ކުރެވޭ. އަޝްފާގް ހަމަ މޮޅީ،" ރޭގެ މެޗު ކަވަރު ކުރަން ދަނޑަށް ގޮސް ހުރެ ސަންއާ ވާހަކަ ދައްކަމުން ސައިމަން ބުންޏެވެ.

ސައިމަން ބުނީ، މިއީ ރާއްޖެ އަށް ކުރި ފުރަތަމަ ދަތުރު ކަމަށާއި މި ދަތުރުގެ ސަބަބުން ފުޓްބޯޅަ އަށް މި ކުޑަ ދިވެހި ރާއްޖެ ވެސް ދޭ ސަމާލުކަން ވަރަށް ބޮޑަށް ފަހަގަ ވެގެން ހިނގައްޖެ ކަމަށެވެ. އަދި ރާއްޖެ މުބާރާތުގައި ކުޅުނު ތިން މެޗުގައި ދިވެހި ސަޕޯޓަރުންގެ ފަރާތުން ފެންނަ "ސަޕޯޓް ކުރުމުގެ ވައްޓަފާޅި"ތަކާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ވެސް ސައިމަން ބުންޏެވެ.

އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް އޭގެ ފަހު މެޗުގައި ރޭ ފަލަސްތީނާ ދެކޮޅަށް ރާއްޖެ ބައްދަލުކުރި މެޗް ނިމުނީ ދެ ޓީމް ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. އަދި ރޭގެ މެޗު އެއްވަރުވި ނަމަވެސް، ރާއްޖެ އަށް މުބާރާތުގެ ސެމީން ޖާގައެއް ވަނީ ލިބިފަ އެވެ. މި ޖާގަ ރާއްޖެ އަށް ކަށަވަރުވެގެން ދިޔައީ މި ގްރޫޕްގައި ރޭ މިޔަންމާ އާއި ކިރްގިސްތާން އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ބައްދަލުކުރި މެޗު 1-0 އިން ކިރްގިސްތާން ކާމިޔާބުކުރުމުންނެވެ. ރާއްޖެ ސެމީން ޖާގަ ހޯދާފައި މި ވަނީ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ހަތަރު ޕޮއިންޓާ އެކު އެވެ. ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދަތުރު ކޮށްފައި ވަނީ ހަތް ޕޮއިންޓާ އެކު ފަލަސްތީނެވެ.