ބެންކޮކް (މޭ 24): ޢަސްކަރީ އިންގިލާބެއްގައި ތައިލެންޑް ވެރިކަން ބަދަލުކޮށްލި ސިފައިންގެ މުއައްސަސާއިން އެގައުމުގެ ކުރީގެ ބޮޑުވަޒީރާ ޔަންގްލަކް ޝިނަވަޓްރާ ހައްޔަރުކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސިފައިންގެ ގްރޫޕަކުން ޔަންގްލަކް ހައްޔަރުކޮށްގެން އެންމެ ފުރަތަމަ ގެންދިޔައީ ބެންކޮކްގައި ހުންނަ ސިފައިންގެ މައި މަރުކަޒަށެވެ. އެއަށް ފަހު އެކަމަނާ ގެންގޮސް ހައްޔަރުކޮށްފައި ވަނީ ގޮތް ނޭނގޭ ތަނެއްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ތައި ސިފައިން ވަނީ ޔަންގްލަކް ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެކަމަނާ ހައްޔަރުކޮށްފައިވާތަނެއް ހާމަކޮށްފައެއް ނުވެ އެވެ. ތައިސިފައިން އިއްޔެ ވަނީ އެގައުމުގެ ދަސްތޫރަށް އަމަލުކުރުން ވެސް ހުއްޓާލާފަ އެވެ. އަދި މުޅި ގައުމުގައި ވަނީ މާޝައްލޯ (ސިފައިންގެ ޢަސްކަރީ ގާނޫނު) ހިންގަންފަށައި ޑިމޮކްރަސީގެ ހުރިހާ މުއައްސަސާތަކެއް އުވާލާފަ އެވެ. އަދި ތައި ބޮޑުވަޒީރު ކަމުގެ މަގާމަށް ވެސް ސިފައިންގެ ވެރިޔާ ޖެނެރަލް ބްރަޔޫތް ޗާންއޮޗާ ވަނީ އިސްވެވަޑައިގެންފަ އެވެ.

ޖެނެރަލް ޗާން އޮޗާ ވަނީ ޢަސްކަރީ އިންގިލާބެއް ގެނަސް ސިފައިން ވެރިކަމާ ހަވާލުވީ ތައިލެންޑްގައި ހިނގަމުންދާ ސިޔާސީ ކޯޅުންތަކުގެ ސަބަބުން ގައުމުގެ އަމަން އަމާންކަމާއި ނިޒާމު ގެއްލި އިގްތިސާދު ހީނަރުވަމުން ދާތީ ގައުމު ހަމައަކަށް އެޅުމަށް ކަމަށް ވިދާޅުވެ އިންގިލާބުގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. ތައި ދަސްތޫރީ ކޯޓުން ކުރީގެ ބޮޑު ވަޒީރާ ޔަންގްލަކްޝިނަވަޓްރާ ވެރިކަމުން ދުރުކުރުމަށް ކުރީ އެކަމަނާގެ ބޮޑުވަޒީރު ކަމުގައި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރެއްވިކަން ސާބިތުވާތީ ކަމަށް ބުނެފަ އެވެ. ޔަންގްލަކް އަށް ފަހު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންފައި ވަނީ ވިޔަފާރިއާ ބެހޭ ވަޒީރެވެ.

އަސްކަރީ އިންގިލާބަށް ފަހު ސިޔާސީ އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. ތައި އަސްކަރީ އިންގިލާބާ ދެކޮޅު ހެދުމުގެ ގޮތުން އެމެރިކާ ވަނީ އެގައުމާ ދެކޮޅަށް މާލީ ބައެއް ފިޔަވަޅުތައް އަޅާފަ އެވެ. ނަމަވެސް މިއީ ހަމައެކަނި ނަމެއްގައި އެޅި ވަރަށް އާދައިގެ ފިޔަވަޅުތަކެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
(ނޫސްއެޖެންސީތައް)