އޭއެފްސީ ޖެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ރާއްޖެއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި މެޗު އެއްވަރުވެގެން ނިމުނު ކަމުގައި ވިޔަސް، ގްރޫޕްގެ އެއް ވަނައިގައި އޮވެ، ސެމީ ފައިނަލަށް ދަތުރު ކުރީ ކުޅުންތެރިން ކުރި ހިތް ވަރުން ކަމަށް ފަލަސްތީނުގެ ކޯޗު ޖަމާލް މަހްމޫދު ބުނެފި އެވެ.

ފަލަސްތީން ސެމީން ޖާގަ ހޯދީ ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ.

މިރޭގެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފަލަސްތީނުގެ ކޯޗު ޖަމާލް މަހްމޫދު ބުނީ، ގްރޫޕް ސްޓޭޖްގައި ކުޅުުނު ތިން މެޗުގެ ތެރެއިން އެންމެ އުނދަގޫވެގެން ދިޔަ މެޗަކީ މިރޭ ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗް ކަމަށާއި ގްރޫޕްގައި ޓީމުން ދެއްކި ކުޅުމާމެދު ވަރަށް ހިތް ހަމަޖެހޭ ކަމަށެވެ. އަދި އެއް ވަނަ މަގާމު ހޯދައިގެން ސެމީއަށް ދިއުމުން އުފާވާ ކަމަށާއި އެ ހުރިހާ އުފަލެއްގެ މޭސްތިރިން ނަކީ ޓީމުގެ ކުޅުންތެރިން ކަމަށް ވެސް ފަލަސްތީނުގެ ކޯޗު ޖަމާލް މަހްމޫދު ބުންޏެވެ.

"އަހަރެންގެ ކުޅުންތެރިން މިރޭވެސް ރަނގަޅު ކުޅުމެއް ދެއްކި. ގްރޫޕްގެ އެއް ވަނަ ލިބުމުން ވަރަށް އުފާވެއްޖެ،" ފަލަސްތީނުގެ ކޯޗު ޖަމާލް މަހްމޫދު ބުންޏެވެ.

ފަލަސްތީނުގެ ކޯޗު ބުނީ، މިރޭ ވެސް އަދި މީގެ ކުރިން ވެސް ދިވެހި ސަޕޯޓަރުންގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ރީތި ނަމޫނާއެއް ކަމަށާއި ދިވެހި ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ސެމީއަށް ދަތުރު ކޮށްފައި ވާއިރު ޓީމުގައި މިޑްފީލްޑަރު އަބޫ ހައްމާދު ނޫނީ ސީރިއަށް އަނިޔާ ލިބިފައިވާ އެއް ވެސް ކުޅުންތެރިއަކު ޓީމުގައި މިވަގުތު ނެތް ކަމަށް ކޯޗް މަހުމޫދު ބުންޏެވެ.

ސެމީގައި ފަލަސްތީން ބައްދަލުކުރާނެ ޓީމެއް ކަށަވަރު ވާނީ ގްރޫޕް ބީގައި މާދަމާ ހަވީރު ގްރޫޕް ބީގައި ކުޅޭ މެޗްތަކަށްފަހު އެވެ.