24 May 2014, 00:29
އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ފަލަސްތީނާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ނުކުތީ ފައިނަލް މެޗެއްގެ ގޮތުގައި ދެކިގެން ކަމަށާއި މެޗުން އެއްވަރުވެ، ސެމީފައިލަށް ދަތުރު ކުރުމުން ދެންވެސް ކުރިއަށް އޮތީ ފައިނަލް މެޗެއް ކަމަށް ގައުމީ ކޯޗް ޑްރާގޯ މަމިޗް ބުނެފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ގްރޫޕް އޭ ފަޅިން ރާއްޖެ އާއި ފަލަސްތީން ބައްދަލުކުރި މެޗް ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް ރާއްޖެ ސެމީފައިނަށް ދިޔައީ މި ގުރޫޕްގައި މިރޭ ކިރްގިސްތާނާއި މިޔަންމާ ބައްދަލުކުރި މެޗުން ކިރްގިސްތާން 1-0 އިން މޮޅުވުމުންނެވެ. އެގޮތުން ގުރޫޕްގެ އެއްވަނަ މަގާމް ހޯދައިގެން ފަލަސްތީން ސެމީއަށް ދިޔައީ ހަތް ޕޮއިންޓާއެކު އެވެ. ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ރާއްޖެ ސެމީފައިނަލުން ޖާގަ ހޯދީ ހަތަރު ޕޮއިންޓާއެކުއެވެ. އަދި ކިރްގިސްތާނަށް ގްރޫޕްގެ ތިން ވަނަ، ތިން ޕޮއިންޓާއެކު ލިބުނު ނަމަވެސް ހަމަ ތިން ޕޮއިންޓު ހޯދައިގެން ގްރޫޕްގެ ފުލަށް ދިޔައީ މިޔަންމާއެވެ. ކިރްގިޒްތާނަށް ގްރޫޕްގެ ތިން ވަނަ ލިބެނީ ބައިކޮޅަށް ވަތް ގޯލް މިޔަންމާއަށް ވުރެ މަދުވުމުންނެވެ.
މިރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗް ބުނީ، ފުޓްބޯޅައިގެ ހަޔާތުގައި ދިވެހި ރާއްޖެ ދަތުރު ކުރީ ތާރީޚީ ސެމީ ފައިނަލަކަށް ކަމަށާއި މިރޭ ފަލަސްތީނާ ދެކޮޅަށް ޓީމުން ދެއްކި ކުޅުމާމެދު ވަރަށް ހިތް ހަމަޖެހޭ ކަމަށެވެ. އަދި މެޗް ނިމެންދެންވެސް ހުރިހާ ކުޅުންތެރިންގެ ފަރާތުން ދެއްކި ހިތްވަރަށް ވަރަށް ބޮޑަށް ތައުރީފް ކުރާކަމަށްވެސް ކޯޗް މަމިޗް ބުންޏެވެ.
"ފަލަސްތީނާ ދެކޮޅަށް ނުކުތީ ފައިނަލް މެޗެއްގެ ގޮތުގައި ދެކިގެން. މިއީ އަހަރެންނަށް ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. ފުރަތަމަ ފަހަރަށް ޗެލެންޖް ކަޕްގައި ރާއްޖެ ސެމީއަށް ދިއުމުން އަހަރެން މިހިރީ ވަރަށް އުފަލުން. ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އަހަރެންގެ އުފަންދުވަސް ކަމުން އަހަރެންގެ ހަޔާތާ މިލިބުނު ކާމިޔާބީ ވަރަށް ގުޅޭ. ދެން ވެސް މިއޮތީ ފައިނަލަކަށްފަހު ފައިނަލެއް. ހުރިހާ ކުޅުންތެރިން ދެއްކި ބުރަ މަސައްކަތައް ވަރަށް ބޮޑަށް ތައުރީފް ކުރަން" ގައިމީ ކޯޗް މަމިޗް ބުންޏެވެ.
ކޯޗް މަމިޗް ބުނީ، ޓީމަށް ލިބުނު ކާމިޔާބީއާ އެކު ދިވެހި އެންމެހާ ސަޕޯޓަރުންނަށް ވެސް ތައުރީފް ކުރާ ކަމަށާއި އެ ހުރިހާ ސަޕޯޓަރުންނަށް ފައްފަށުން ޝުކުރު ދަންނަވާކަމަށެވެ. އަދި ހުރީހާ އުންމީދަކީ ސެމީއިން މޮޅުވެ، ދިވެހީން ހިތްއުފާކޮށްދިނުން ކަމަށް ވެސް ކޯޗް ބުންޏެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި ރާއްޖެއާ ދެކޮޅަށް ނުކުންނާނީ ގުރޫޕް ބީގެ އެއްވަނަ ޓީމެވެ. އެގޮތުން އެޓީމް ކަށަވަރު ވާނީ މާދަމާ ހަވީރު އައްޑޫ ފުޓްބޯޅަ ދަނޑާއި ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗްތަކަށް ފަހު އެވެ.
މާދަމާ ހަވީރު 4:00ގައި ގްރޫޕް ބީ ފަޅިން ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗްގައި ބައްދަލުކުރާ ދެޓީމަކީ ތުރުކްމެނިސްތާނާއި ފިލިޕީންސް އެވެ. އަދި ގްރޫޕް ބީ ގައި މާދަމާ ހަވީރު 4:00ގައި އައްޑޫ ފުޓްބޯޅަ ދަނޑުގައި ބައްދަލުކުރާ ދެޓީމަކީ އަފްޣާނިސްތާނާއި ލާއޮސް އެވެ.