އިސްރާއީލުގެ ކުރީގެ ރައީސް މޯޝޭ ކަޓްޒާވްގެ މައްޗަށް އުފުލިފައިވާ ރޭޕްކުރުމާއި އަންހެން މުވައްޒަފުންނަށް ޖިންސީ ގޮތުން ގޯނާކުރުމުގެ ދަޢްވާ ސާބިތުވެއްޖެއެވެ. އިސްރާއީލުގެ މަރުކަޒީ ކޯޓުގެ ފަނޑިޔާރު އިއްޔެ ވިދާޅުވީ މޯޝޭ ކަޓްޒާވް ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ކަޓްޒާވްގެ ދަށުން މަސައްކަތްކުރާ އަންހެން މުވައްޒަފުންތަކަކަށް އޭނާ ޖިންސީ ގޮތުން ގޯނާކޮށް އޭގެތެރެއިން ބައެއް މުވައްޒަފުން ރޭޕްކޮށްފައިވާ ކަމަށް އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުވާ ކަމުގައެވެ. ކަޓްޒާވްވަނީ ދެހާސް ވަނަ އަހަރުން ދެހާސް ހަތްވަނަ އަހަރާ ހަމައަށް އިސްރާއީލުގެ ރައީސްކަން ކުރައްވާފައެވެ. ދެހާސް ހަތްވަނަ އަހަރު ކަޓްޒާވް ރައީސް ކަމުގެ މަޤާމުން އިސްތިއުފާދެއްވީ އަންހެން މުވައްޒަފުންތަކެއް ރޭޕްކުރުމާއި އެމީހުންނަށް ޖިންސީ ގޯނާކުރެއްވި ކަމުގެ ތުހުމަތުތަކާގުޅިގެން މަޖްބޫރުވެވަޑައިގެންނެވެ. އުމުރުން ފަސްދޮޅަސް ފަސް އަހަރުގެ ކަޓްޒާވްގެ މައްޗަށް މިކުށް ސާބިތުވުމާ ގުޅިގެން މަދުވެގެން ސޯޅަ އަހަރަށް ޖަލަށް ލުމުގެ ޙުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ. ނަމަވެސް މިޙުކުމް އިސްތިއުނާފު ކުރުމުގެ ފުރްސަތު އޭނާއަށް ލިބިވަޑައިގަންނަވާނެ ކަމަށް ޚަބަރުތައްބުނެއެވެ.