ހައްޖަށް ދިޔުމަށް އެދޭ ފޯމް ހޯދުމަށް މިއަދު މެންދުރުން ފެށިގެން ސިސިލްފަރު ހައްޖު ގުރޫޕް އޮފީސް ސަރަހައްދުގައި ގިނަ ބަޔަކު ކިޔުހަދައިފިއެވެ.

ކިޔުފަށާފައި ވަނީ މިއަދު މެންދުރު 12:00 އެހައިކަށްހާއިރުއެވެ. ހުކުރުވަގުތު ކަމަށްވާތީ އެއިރު ކިޔުގައި ބައިވެރިވެފައި ވަނީ ހަމައެކަނި އަންހެނުންނެވެ. ހުކުރުނަމާދު ނިމުމާ އެކު ފިރިހެނުން ވެސް ވަނީ ކިޔުގައި ބައިވެރިވެފައެވެ.

ސިސިލްފަރު ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު ހުސައިން ޝިމާދު މިރޭ ވިދާޅުވީ ފޯމު ދޫކުރަން ހަމަޖެހިފައިވަނީ މިރޭ 8:30 އިން ފެށިފެން 10:30 އަށް ކަމަށެވެ.

އޭނާ ވިދާޅުވީ މިއަހަރު ހައްޖަށް ގެންދިއުމަށް އެ ޖަމާއަތަށް ލިބިފައިވަނީ 100 މީހުންގެ ޖާގަ ކަމަށާއި އޭގެތެރެއިން ހައްޖަށް ދިޔުމަށް ފުރުސަތު ދެވޭނީ 80 މީހަކަށް ކަމަށެވެ. އަދި ކާބީ 20 ޖާގަ ދެނީ ހައްޖާޖީންގެ އެހީތެރިންނަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހައްޖަށް ދިޔުމުގެ ފުރުސަތު ދެވޭނީ ހައްޖަށް މީހުން ގެންދިޔުމުގެ އުސޫލުގައިވާ ގޮތުން އިސްކަންދޭ ތަރުތީބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހައްޖަށްދާނެ ބަޔަކު މިހާތަނަށް ކަނޑައަޅާފައިނުވާނެ ކަމަށާއި ހައްޖަށް ދިޔުމުގެ ފުރުސަތު ދެވޭނީ މިރޭ ފޯމް ހުށަހަޅާ މީހުންގެ ތެރެއިން 80 މީހަކަށް ކަމަށެވެ.

ސިސިލްފަރު ހައްޖު ގްރޫޕުން ކުރި އިއުލާންގައި ބުނެފައި ވަނީ މިރޭ ދޫކުރާ ފޯމްތައް ބަލައިގަންނަން ހަމަޖެހިފައި ވަނީ އާދީއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ރެއަކު 9:00 އިން 10:30 އަށް ކަމަށެވެ.