އޭއެފްސީ ކަޕުގައި ތުކުމެނިސްތާނު އަތުން 3-1 ލަނޑުން އަފްޣާން މޮޅުވި ނަމަވެސް، އަފްޣާނުން ދެއްކި ކުޅުމާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ ކަމަށް އެ ޓީމުގެ ކޯޗު އެރިޗް ރޫޓެމޫލާ ބުނެފި އެވެ.

މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އަފްޣާން ކޯޗު ވަނީ އެ ޓީމުގެ ޑިފެންސް އަދި އެޓޭކް ކުރުމުގައި ވެސް މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފަ އެވެ.

"މޮޅުވި ކަމުގައި ވިޔަސް ޓީމު ދެއްކި ކުޅުމާއި މެދު މިހިރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ. ހާއްސަކޮށް ފުރަތަމަ ހާފުގައި. ޓީމުގެ ފަރާތުން ވަރަށް ގިނަ ކުށްތަކެއް ފެނިގެންދިޔަ. އަހަރެމެންނަށް ރަނގަޅު އެޓޭކެއް ނުކުރެވުނު. ބޯޅަ ހިފެހެއްޓުމުގައި އަދި ޑިފެންސް ކުރުމުގައި ވެސް މައްސަލަތަކެއް ހުރި. ފުރަތަމަ ހާފަށް ފަހު، އެކަންތައް ފާހަގަކޮށް ރަނގަޅު ކުރުމަށް ބުނިން. ފުރަތަމަ ލަނޑަށް ފަހު، އަހަރެން ހީކުރީ ދެން ޓީމު ވަރަށް ހަމަޖެހޭނެ ކަމަށް. ނަމަވެސް އިދިކޮޅު ޓީމު ގޯލު ޖެހުމުން އަނެއްކާވެސް އެ މައްސަލަތައް ފެނިގެންދިޔަ. ދެ ރަތް ކާޑު އަހަރެމެންނަށް ވަރަށް ބޮޑަށް އެހީތެރިިވި،" އޭނާ ބުންޏެވެ.

ރޫޓެމޫލާ ބުނީ، އަފްޣާނަށް ތުރުކުމެނިސްތާނަށް ވުރެ މޮޅު އަދި ރަނގަޅު ފުޓްބޯޅައެއް ދެއްކޭނެ ކަމަށް ހީކުރެވުނު ނަމަވެސް އެ ކުޅުން ނުދެއްކުނު ކަމަށެވެ.

"އަހަރެން ހީކުރީ އަހަރެމެންނަށް ވަރަށް ރަނގަޅު ފުޓްބޯޅައެއް ދެއްކިދާނެ ކަމަށް. އަހަރެން ހީކުރީ ތުރުކުމެނިސްތާނަށް ވުރެ، ރަނގަޅު ފުޓްބޯޅައެއް ދެއްކިދާނެ ކަމަށް. ނަމަވެސް އަހަރެމެންނަށް އެކަން ދެއްކިފައެއް ނުވޭ. މި މެޗު ދިޔައީ އަހަރެން ބޭނުންވި ގޮތަކަށް ނޫން. ކޯޗެއް ބަލާނީ ހަމައެކަނި ނަތީޖާއަކަށް ނޫން. ދައްކާ ކުޅުމަށް ވެސް ބަލާނެ. ޑިފެންސް އާއި އެޓޭކަށް ބަލާނެ. އަހަރެމެންގެ ޑިފެންސް ރަނގަޅަށް ކުޅުނު ނަމަވެސް އެޓޭކް ރަނގަޅެއް ނޫން. އަހަރެމެންނަށް ސެމީ އަށް ދިއުމުގެ ވަރަށް ބޮޑު ފުރުސަތެއް އެބައޮތް،" އޭނާ ބުންޏެވެ.

ގްރޫޕް ބީގެ ފަހު މެޗުގައި ލާއޯސްއާ ދެކޮޅަށް އަފްޣާން ނުކުންނަން ޖެހޭ މެޗަށް އަލިއަޅުވާލާ ރޫޓެމޫލާ ބުނީ، އެ މެޗަކީ ވަރަށް އުނދަގޫ މެޗަކަށް ވާނެ ކަމަށާއި ލާއޯސް ޓީމުގެ ޒުވާން ކުޅުންތެރިންގެ ނުރައްކާ އަފްޣާނަށް ކުރިމަތިވާނެ ކަމަށެވެ.

"ލާއޯސް ޓީމަކީ ދެރަ ޓީމެއް ނޫން. ފިލިޕީންސާއި ދެކޮޅަށް ލާއޯސް ކުޅުނު މެޗު އަހަރެން ބެލިން. އެ މެޗުގެ ފުރަތަމަ ހާފުގައި އެމީހުން ރަނގަޅު ކުޅުމެއް ދެއްކި. ލާއޯސްއާ ދެކޮޅަށް ކުޅޭ މެޗު ވަރަށް އުނދަގޫވާނެ. ނަމަވެސް އެ މެޗުގެ ތިން ޕޮއިންޓު އަހަރެމެންނަށް ވަރަށް މުހިންމު. ލާއޯސް ޓީމުގައި ހިމެނެނީ ޒުވާން ކުޅުންތެރިން ކަމުގައިވިޔަސް އެކުޅުންތެރިން ވަރަށް މަސައްކަތްކުރާނެ،" އޭނާ ބުންޏެވެ.

ގްރޫޕް ބީގެ ފަހު މެޗުތައް މާދަމާ ކުޅޭ އިރު، ދެ މެޗުވެސް ކުރިއަށް ދާނީ އެއް ވަގުތެއްގަ އެވެ. އަފްޣާނާއި ލާއޯސް ބައްދަލުކުރާނީ އައްޑޫ ފުޓްބޯޅަ ދަނޑުގަ އެވެ. އަދި ފިލިޕީންސާއި ތުރުކުމެނިސްތާނު ބައްދަލުކުރާނީ ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ. މި ދެމެޗު ފަށާނީ މާދަމާ ހަވީރު 4:00ގަ އެވެ.