23 May 2014, 18:03
އޭއެފްސީ ޗެލެންޖް ކަޕުގައި އަފްޣާނިސްތާނާއި ދެކޮޅަށް ކުޅުނު މެޗުގައި ތުރުކުމެނިސްތާނުގެ ކުޅުން ބަދަލުވެގެން ދިޔައީ އެ ޓީމުގެ ގޯލްކީޕަރު ނިކީޓާ ގޮރްބުނޯފް އަށް ރަތް ކާޑު ދެއްކުމުން ކަމުގައި ތުރުކުމެނިސްތާނުގެ ކޯޗު ރަހީމް ކުރްބަންމަމެޑޯ ބުނެފި އެވެ.
މި މުބާރާތުގެ ގްރޫޕް ބީގައި ރޭ އައްޑޫ ސިޓީގައި އަފްޣާން އަތުން ތުރުކުމެނިސްތާނު ބަލިވީ 3-1 ލަނޑުންނެވެ. މި މެޗުގައި ތުރުކުމެނިސްތާނަށް ދެ ރަތް ކާޑު ދެއްކި އިރު، ފުރަތަމަ ރަތް ކާޑު ދެއްކީ އެ ޓީމުގެ ގޯލްކީޕަރަށެވެ. ރެފްރީ އޭނާ އަށް ރަތް ކާޑު ދެއްކީ ހާފުގެ މެދުތެރެއިން އަފްޣާން ކުޅުންތެރިއަކު ބޯޅަ ހިފައިގެން ދަނިކޮށް ބޯޅައިގައި އަތްލުމުންނެވެ. ކީޕަރު ގޮރްބުނޯފް އަށް ރަތް ކާޑު ދެއްކުމުން ތުރުކުމެނިސްތާނުގެ ގޯލް ބެލެހެއްޓުމަށް އެރީ އެ ޓީމުގެ މިޑްފީލްޑަރު އަހްމަދޯފް ބަހްތިޔާރެވެ.
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ތުރުކުމެނިސްތާނުގެ ކޯޗު ބުނީ، ގޯލްކީޕަރު އަދި ކެޕްޓަން ގޮރްބުނޯފް އަށް ރަތްކާޑު ދެއްކުމުގެ ކުރިން އެ ޓީމު ދެއްކީ ރަނގަޅު ކުޅުމެއް ކަމަށެވެ.
"މެޗުގައި އަހަރެމެން ދައްކަމުން ދިޔަ ކުޅުން ބަދަލުވެގެން ދިޔައީ ކީޕަރަށް ދެއްކި ރަތްކާޑާއި ގުޅިގެން. އޭގެ ކުރިން އަހަރެމެން ރަނގަޅު ކުޅުމެއް ދެއްކިން. އެކަމުގެ ސަބަބުން ކުޅުންތެރިން މެޗަށް ބެހެއްޓި ސަމާލުކަން ގެއްލިގެންދިޔަ. އަދި ދެވަނަ ރަތްކާޑުގެ ސަބަބުން އިތުރު މައްސަލަަތަކެއް ދިމާވި،" ކޯޗު ކުރްބަންމަމެޑޯ ބުންޏެވެ.
ތުރުކުމެނިސްތާނުގެ ކޯޗު ބުނީ، މެޗަށްފަހު ކީޕަރާއި ވާހަކަދެއްކުމުން ބޯޅައިގައި އަތްލިކަމަށް އޭނާ އެއްބަސްނުވާ ކަމަށާއި ރަތްކާޑުގެ ސަބަބުން އަންނަ މެޗަށް ސަސްޕެންޑުވާ ކުޅުންތެރިން ފޫބެއްދޭނެ ވަރުގެ ކުޅުންތެރިން ޓީމުގައި އެބަތިބި ކަމަށެވެ.
"މެޗުން ނިންމާފައި އަހަރެން ކީޕަރާއި ވާހަކަދެއްކިން. އޭރިޔާ ބޭރުން ބޯޅައިގައި އަތް ނުލާކަމަށް އޭނާ ބުނި. އަހަރެމެން އިތުރަށް މެޗުގެ ރީޕްލޭ ބަލައި، ކުރިއަށް ކަންތައް ކުރަންވީ ގޮތް ނިންމާނަން. މެޗުގައި ރަތް ކާޑު ދައްކައި ކުރިއަށް އޮތް މެޗު އެ ކުޅުންތެރިންނަށް ގެއްލުނު ކަމުގައިވީ ނަމަވެސް، އަންނަ މެޗުގައި އެ މަގާމުތައް ފޫބެއްދޭނެ ކުޅުންތެރިން ޓީމުގައި އެބަތިބި،" އޭނާ ބުންޏެވެ.
ގްރޫޕް ބީގެ އެންމެ ފަހު މެޗުގައި ތުރުކުމެނިސްތާނު ނުކުންނަން ޖެހޭނީ ފިލިޕީންސާއި ދެކޮޅަށެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ކުޅޭ މި މެޗަށް ތުރުކުމެނިސްތާނު ނުކުންނާނީ މޮޅެއް ހޯދުމަށް ކަމުގައި އެ ޓީމުގެ ކޯޗު ކުރްބަންމަމެޑޯ ބުނެފައި ވެއެވެ.
ގްރޫޕް ބީގެ އެންމެ ފަހު މެޗުތައް ކުޅޭނީ މާދަމާ އެވެ. އެއް ގަޑިއެއްގައި ކުޅޭ ދެ މެޗުގެ ތެރެއިން އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުޅޭނީ އަފްޣާނާއި ލާއޯސް ބައްދަލުކުރާ މެޗެވެ. މި ދެމެޗު ފަށާނީ މާދަމާ ހަވީރު 4:00ގަ އެވެ.