މިހާރު ރާއްޖޭގައި ކުރިޔަށްދާ އޭއެފްސީ ޗެލެންޖްކަޕްގެ މެޗްތައް ކުޅެމުންދާއިރު ކުޅިބަލަން ދަނޑަށްދާ މީހުން މެޗް ފެށުމުގެ ކުރިންނާއި މެޗް ނިމިގެންވެސް، ދަނޑުގެ ސަލާމަތީ ކަންކަން ބަލަހައްޓަންތިބޭ ފުލުހުންނަށް އެއްބާރުލުން ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސް ކޮށްފި އެވެ.

ފުލުހުން ބުނީ، މާލޭގައި މެޗްތައް ކުޅެމުން ދާއިރު، "މަނދުމަދުން" ނަމަވެސް ބައެއް މީހުން ފުލުހުން އަންގާ އެންގުތަކަށް އެއްބާރުލުން ނުދޭކަން ފާހަގަކުރެވޭ ކަމަށާއި އެފަދަ މީހުންނާ މެދު ފިޔަވަޅު އަޅަން ނިންމާފާއިވާ ކާމަށެވެ. އަދި ބައެއް ކުޅުންތެރިންނަށާއި ޓީމްތަކުގެ އިތުރުން އޮފިޝަލުންނަށް ރައްދުކޮށް ނޭދެވޭ ބަސްތަކުން ގޮވުންފަދަ ކަންކަން ސަޕޯޓަރުން ކުރަމުން ދިއުމުގެ ސަބަބުން ތަނުގެ މަސްލަޙަތު ގެއްލިގެން ދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ސަޕޯޓް ކުރުމުގެ ފޯރީގައި ދަނޑުވަށައިގެން ހުންނަ ބޯޑުތަކުގެމަތިން ފުންމާލައި ދަނޑުތެރެއަށް ވަނުންފަދަ ކަންކަން މަދުން ނަމަވެސް ހިނގާފައި ވާއިރު އެކަންކަން ހުއްޓާލުމަކީ ފުލުހުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އެފްއޭއެމްއިން ބުނީ، ދަނޑުތެރެއަށް ސަޕޯޓަރަކު ފުންމާލި މައްސަލަ އޭއެފްސީ އިންވެސް ބަލަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން އެފްއޭއެމް ޖޫރިމަނާ ކުރުން ވަރަށް ކައިރި ކަމަށެވެ.

ގައިމީ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00ގައި ބައްދަލުކުރާ ދެޓީމަކީ ގްރޫޕް އޭގެ ފަލަސްތީނާއި ރާއްޖެއެވެ. ހަމަ މިގްރޫޕްގެ ދެ ވަނަ މެޗުގައި އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ކިރްގިސްތާނާއި މިޔަންމާއެވެ.