އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅާ މުބާރާތުގައި މީގެ ކުރިން ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗްތަކަށް ވުރެ، މިރޭ ރާއްޖެއާއި ފަލަސްތީން ބައްދަލު ކުރާ މެޗުގެ ސެކިއުރިޓީ ވަރުގަދަ ކުރާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

ސަންއާ ވަހަކަ ދައްކަމުން އެފްއޭއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ މިދިޔަ ބުދަ ދުވަހުގެ ރޭ ކިރްގިސްތާން އަތުން ރާއްޖެ 2-0 ލަނޑުން މޮޅުވި މެޗުގައި އޭއެފްސީގެ ހުއްދަ ނެތި ގަވާއިދާ ހިލާފަށް ބައެއް ފަރާތްތަކުން ސްޓޭޑިއަމްގެ ޕިޗް އޭރިޔާއަށް އެރި މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމައްސަލަ މާ ސީރިއަސް މައްސަލައެއް ގޮތުގައި އޭއެފްސީ އަދި ބަލައިފައި ނުވާ ކަމަށާއި އެހެން ކަމުން މިރޭގެ މެޗުގައި އެކަންކަން ތަކުރާރުވިޔަ ނުދިނުމަށް ދަނޑާއި ދަނޑު ބޭރުން ސެކިއުރިޓީ ވަރުގަދަ ކުރުމަށް ވަނީ ނިންމައިފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ، މުބާރާތުގެ ހުރިހާކަމެއް ވެސް އެފްއޭއެމުން ބަލަމުން އަންނަނަނީ އޭއެފްސީ އަންގާ އެންގުމުގެ މަތިން ކަމަށާއި މި މުބާރާތުގައި އެފްއޭއެމްގެ މާބޮޑު ދައުރެއް ނޯނާނެ ކަަމަށެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00 ގައި ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް އޭގެ ފަލަސްތީނާއި ދިވެހި ރާއްޖެ އެވެ. އަދި މި ގްރޫޕްގެ ދެވަނަ މެޗުގައި އައްޑު ފުޓްބޯޅަ ދަނޑުގައި 9:00 ގައި ބައްދަލު ކުރާ ދެޓީމަކީ ކިރްގިސްތާނާއި މިޔަންމާ އެވެ.