31 Dec 2010, 20:38
ކުވައިތުގެ ޖަމާއަތެއް މެދުވެރިކޮށް އިޒްރޭލުން ޅ. އަތޮޅު ދިއްފުށިމާދޫގައި ޕޮލިސް އެންޑް ސެކިއުރިޓީ އެކަޑަމީ އަކާއި ޓޫރިސްޓު ރިސޯޓެއް ހެދުމަށް ވާހަކަތަކެއް ދައްކާފައިވާ ކަން ސާބިތުކޮށްދޭ ތިން ޑޮކިއުމަންޓެއް އަދާލަތު ޕާޓީގެ ތައުލީމާއި ތަރުބިއްޔަތު ކޮމެޓީގެ ރައީސް ޑރ. މައުރޫފްހުސެން ހާމަކުރައްވައިފި އެވެ.
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލެއްވެވި 52 ކެނޑިޑޭޓުން އިއުލާނު ކުރުމަށް މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ޑރ. މައުރޫފް އާންމު ކުރެއްވެވި ފުރަތަމަ ޑޮކިއުމަންޓަކީ ކުވައިތުގެ ހުމޫދު އަލް ރައުދާން ގުރޫޕް ކިޔާ ބަޔަކު ޅ. ދިއްފުށިމާދޫގައި 30 އަހަރަށް ޕޮލިސް އެކަޑަމީއެއް އަޅައި އެ ރަށުގައި ޓޫރިޒަމް ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާ ޑްރާފްޓް އެމްއޯޔޫ އެކެވެ.
އެ އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ނެގޯޝިއޭޓް ކުރައްވާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އަދި މިހާރު ރައީސުލް ޖުމްހުރިއްޔާގެ މުހައްމަދު ނަޝީދުގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިހާބެވެ.
ޑރ. މައުރޫފު އާންމު ކުރެއްވެވި ދެވަނަ ޑޮކިއުމަންޓަކީ ނިމިގެން ދިޔަ 2010 ވަނަ އަހަރުގެ ޖެނުއަރީ ދެ ވަނަ ދުވަހުން، ޖެނުއަރީ ހަތް ވަނަ ދުހުގެ ނިޔަލަށް އިޒްރޭލުގެ އަށް މީހުން އެކުލެވޭ ވަފުދެއް ދިވެހިރާއްޖެއަށް ޒިޔާރަޔްކުރިކަމަށް ބުނާ ދިވެހިރާއްޖޭގެ ހާރިޖިއްޔާގެ އެކޮނަމިކް އެންޑް ކޯޕްރޭޝަން ޑިޕާޓްމަންޓުގެ ލެޑާ ހެޑްގައި އޮތް ޑޮކިއުމަންޓަކެވެ.
ތިންވަނަ ޑޮކިއުމަންޓަކީ މޯލްޑިވިސް ޕޮލިސް ސާވިސްގެ ބޭފުޅަކާއި އިޒްރޭލުގެ ވަފުދުގައި ދިވެހިރާއްޖެއަށް ޒިޔާރަޒްކުރި ލީރޮން ޒަސްލާންކީ ކިޔާ އަންހެނަކު ޖެނުއަރީ9، 2010 މުއާމަލާތްކޮށް ވާހަކަ ހިއްސާކޮށްފައިވާ އީ މެއިލެކެވެ. އެ އީމެއިލުގައި ބުނެފައިވަނީ ކުވައިތުގެ ހުމޫދު އަލް ރައުދާން ގުރޫޕާއެކު ވެފައިވާ އެއްބަސް ވުމާއެކު މރ. އަފީފްއާ ވާހަކަ ދައްކާފައިވާކަމަށެވެ. މަސައްކަތް ކުރުމަށް ޓެންޑާ ކުރުމަށް ބޭނުން ވާނެ ކަމަށް މރ. އަފީފް ވިދާޅުވި ކަމަށްވެސް އެ އީ މެއިލުގައި ބުނެ އެވެ. އަދި ހުމޫދު ގުރޫޕާއި ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ދިއްފުށި މާދޫގައި މަސައްކަތް ފެށުމަށް ހަދަންޖެހޭ ދިރާސާތައް ފެށޭނީ ކޮން ދުވަހަކު ކަމާއި ދެން އޮތް މަޝްރޫ އަކީ ކޮބައިކަން ސާފުކޮށްދިނުމަށް ވެސް އޭނާ އެދިފައިވެ އެވެ.
އަދާލަތު ޕާޓީން ސަން އޮންލައިނާ ހިއްސާކުރި ޑޮކިއުމަންޓުތަކުގައި ފުލުހުންގެ ފަރާތުން ވާހަކަ ދެއްކި މީހާގެ ނަން ނޭގޭ ގޮތަށް ކަނޑާލާފައިވާތީ އޭއީ ކާކުކަމެއް ނޭގެ އެވެ.
ދެ ފަރާތުން އީމެއިލުން ދައްކަފައިވާ ވާހަކަތަކުން އެބޭފުޅުންގެ ބައްދަލުވުން ބާއްވާފައި ވަނީ "ސީގަލް ކެފޭ ހައުސް" ގައި ކަންވެސް އެނގެ އެވެ. އަދި އެ ބައްދަލުވުން ތަކުގައި އިޒްރޭލުގެ އެންބެސެޑާ ބުރޫސް ކަޝްދަން ބައިވެރިވެ ވަޑައިގެންފައިވާކަންވެސް ސާފުވެ އެވެ.