23 May 2014, 17:23
އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގެ ފަހު މެޗުގައި މިރޭ ފަލަސްތީނާ ދެކޮޅަށް ދިވެހި ގައުމީ ޓީމް ނުކުންނައިރު ގައުމީ ޓީމަށް ހިތާއި ނަފްސުން ސަޕޯޓް ކޮށްދިނުމަށް ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލު އެދިވަޑައިގެންފި އެވެ.
ފަލްސްތީނާ ދެކޮޅަށް ގައިމީ ޓީމު މިރޭ 9:00 ގައި ކުޅޭ މެޗުގެ ކުރިން "ސަން"އަށް ދެއްވި އިންޓަވިއުގައި ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، މިރޭގެ މެޗަކީ ތާރީހީ ވަރުގަދަ ބޮޑު މެޗެއް ކަމަށާއި މެޗުގައި ދިވެހި ޓީމަށް ސަޕޯޓްކޮށް ދިނުމަށް ކުދިބޮޑު އެންމެހާ ދިވެހި ރައްޔިތުން ދަނޑަށް ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މެޗް ކުޅެމުން ދާއިރު ދިވެހި ޓީމަށް ހިތާއި ނަފްސުން ސަޕޯޓް ކޮށްދިނުމަށް ނުހަނު އިހްލާސްތެރި ކަމާއެކު އެންމެހާ ދިވެހި ރައްޔިތުންގެ ކިބައިން މަލީހު އެދިވަޑައިގެންނެވި އެވެ.
"މުބާރާތުގައި ދިވެހި ޓީމް ކުޅުނު ދެ މެޗުގައި ވެސް ސަޕޯޓަރުންގެ ފަރާތުން ފެނުނީ ވަރަށް ރީތި ނަމޫނާއެއް. އެނަމޫނާ މިރޭވެސް ތަކުރާރު ކުރެއްވުން އެދެން. ދިވެހި ޓީމުގެ ހުރިހާ ވެސް އުންމީދެއް ގުޅިފަިއ ވަނީ ސަޕޯޓަރުންނާ. މިރޭ ވެސް ހިތާއި ނަފްސުން ގައުމީ ޓީމަށް ސަޕޯޓް ކޮށްދިނުމަށް ވަރަށް އާދޭހާއެކު ދައްނަވަން" މަލީހް ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ، ދިވެހި ޓީމަށް ސަޕޯޓްކޮށްދިނުމުގައި ކުޅިވަރުގެ ރޫހާ އެއްގޮތައް ސަޕޯޓް ކޮށްދިނުމަކީ ކޮންމެހެން ކުރުން މުހިންމު ކަމަެއް ކަމަށާއި އެގޮތުން މިރޭ ދިވެހި ސަޕޯޓަރުންގެ ފަރާތުން އެކަން ފެންނާނެ ކަމަށް އުންމީ ކުރާ ކަމަށެވެ.
މަލީހްގެ އިތުރުން ގައުމީ ކޯޗާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިން ވެސް ވިދާޅުވެފައި ވަނީ މިރޭގެ މެޗަކީ ދިވެހި ޓީމަށް ފައިނަލް މެޗެއް ކަމަށާއި އެހެންކަމަުން ޓީމަށް ހިތް ވަރު ދިނުމަށް މުޅި ދަނޑު މިރޭ ރަތް ކޮށްލުން ވަރަށް މުހިންމު ކަމަށެވެ.
ގްރޫޕް އޭގައި ފަލަސްތީން ހަ ޕޮއިންޓާއެކު އޮތް އިރު ދިވެހި ޓީމް އޮތީ ތިން ޕޮއިންޓާއެކު ގްރޫޕްގެ ދެ ވަނަ މަގާމު ގައެވެ. އަދި ގްރޫޕްގެ ތިން ވަނަ މަގާމްގައި ތިނމް ޕޮއިންޓާއެކު އޮތީ މިޔަންމާއެވެ. ނަމަވެސް ރާއްޖެއަށް ކުރި ލިބެނީ އެންމެ ގޯލެއްގެ ތަފާތުންނެވެ.