ރައްޔިތުން މަޖިލީހުގެ ރައީސަކަށް ވުމަށް އެމްޑީޕީން ތާއިދުކުރާ ބޭފުޅެއް ނިސްބަތްވާ ޕާޓީއަކުން އެމްޑީޕީއަށް ވަކި ކަންތައްތަކެއްގައި އެއްބާރުލުން ދޭން ޖެހޭނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީން އިއްޔެ އައްޑޫ ސިޓީގައި ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކަނޑައަޅާފައި ވަނީ އެ ޕާޓީން ބޭނުންވާ އަށް ކަމެއްގައި އެއްބާރުލުންދޭ ޕާޓީއެއްގެ ބޭފުޅަކު މަޖިލީހުގެ ރައީސަކަށް އައުމަށް ބުރަވުމަށެވެ.

އެ ޕާޓީން ކަނޑައަޅާފައިވާ ކަންތަތަކުގެ ތެރޭގައި ޓެކްސްގެ ނިޒާމް ފުރިހަމަކުރުމުގެ ގޮތުން އާންމުދަނީން ނެގޭ ޓެކްސް ތައާރަފްކޮށް ޓީޖީއެސްޓީ އަށް ޕަސެންޓްގައި ހިފަހައްޓައި، އިމްޕޯޓް ޑިއުޓީ އުވާލުމުގައި އެއްބާރުލުން ދިނުން ހިމެނެ އެވެ.

އަދި ރާއްޖޭގެ ޢަދަލުއިންސާފު ޤާއިމުކުރުމަށް ހުރި ހުރަސްތައް ނައްތާލާ ޝަރުޢީ ނިޒާމް ރިފޯރމްކުރުމަށް އެއްބާރުލުން ދިނުމަށާއި ކައުންސިލްތައް ބާރުވެރިކުރުމާއި ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ގޮތްތަކަށް ޤާނޫނުތަކަށް އިސްލާހުގެނައުމަށް ތާއިދުކުރުން ވާނެ ކަމަށް އެ ޝަރުތުތަކުގެ ތެރޭގައިބުނެފައިވެ އެވެ.

ހަމަ އެއާއެކު މަސައްކަތްތެރިންނަށް ލިބެންޖެހޭ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަށާއި ދައުލަތާއި އެއްކޮށްކުރެވޭ ވިޔަފާރީގެ މުޢާމަލާތްތަކުގެ އިތުބާރު އުފައްދާ، އިންވެސްޓަރުންނަށް އޮތް ނުތަނަވަސްކަން ނައްތާލުމަށް އެ ޕާޓީން ކުރާ މަަސައްކަތުގައި އެއްބާރުލުން ދޭންވާނެ ކަަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކުރުމަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށް އެ ޕާޓީއަށް އެއްބާރުލުން ދޭން ޕާޓީއެެއްގެ ފަރާތުން ނިކުންނަ ބޭފުޅަަކަށް މަޖިލީހުގެ ރައީސްކަން ދިނުމަށް ތާއިދުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތާއިދު ހޯދަދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ވަގުތީ ރައީސް އަދި ކުރީގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.