23 May 2014, 15:21
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓްރީން 2011 ވަނަ އަހަރު ހަ ލައްކަ އަށްވުރެ ގިނަ ރުފިޔާ ގާނޫނާއި ހިލާފަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާކަން އޮޑިޓާ ޖެނަރަލް ރިޕޯޓްގައި ބުނެފި އެވެ.
އޮޑިޓާ ޖެނަރަލް ނިޔާޒް އިބްރާހިމް ނެރުއްވާފައިވާ 2011 ވަނަ އަހަރުގެ ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އިއުލާން ކުރުމަކާއި ނުލައި އަދި އަންދާސީ ހިސާބު ހޯދުމަކާއި ނުލާއި ހަތަރު ފަރާތަކަށް ވަނީ މަސައްކަތްތައް ހަވާލުކޮށް ފައިސާ ދޫކޮށްފަ އެވެ. އެ ހަތަރު މަސައްކަތަށް ޖުމްލަ 69،2691 ރުފިޔާ ފޮރިން މިނިސްޓްރީން ދޫކޮށްފައިވާކަމަށް އެ ރިޕޯޓްގައި ވަނީ ބުނެފަ އެވެ.
އެ ރިޕޯޓްގައިވާ ގޮތުން 2011 ވަނަ އަހަރުގެ މާޗް މަހު ފޮރިން މިނިސްޓްރީން އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ކޭޓިރިން ހަމަ ޖައްސަދިން ފަރާތަށް ވަނީ 33000 ރުފިޔާދީފަ އެވެ. ނަމަވެސް ކޭޓިރިން ހަމަ ޖެއްސުމަށް ބަޔަކާއި ހަވާލުކޮށްފައިވަނީ އިއުލާން ކުރުމެއް ނެތި ކަމަށް އެ ރިޕޯޓްގައިބުނެފައިވެ އެވެ.
އަދި އެ އަހަރުގެ މެއި މަހު ރާއްޖެ ވަޑައިގެންނެވި ގްލޯބަލް ލީޑާޝިފްގެ ވަފުދަށް ކެއުމާއި ހުރުމުގެ އިންޒާމް ހަމަ ޖައްސާދިން ފަރާތަށް 72466 ރުފިޔާ ދީފައިވާއިރު އެ އިންތިޒާމްތައް ހަމަ ޖައްސަދިނުމަށް ބަޔަކާއި ހަވާލުކޮށްފައިވަނީ ވެސް އިއުލާނު ކުރުމާއިކާއި ނުލައި ކަމަށް އެ ރިޕޯޓްގައި ވަނީ ބުނެފަ އެވެ. ހަމަ އެހެންމެ މިނިސްޓްރީން ކާޕެޓެއް 55،5225 އަށް ބައެއްގެ އަތުން ގަނެފައިވަނީ އަންދާސީ ހިސާބު ހޯދުމެއް ވެސް އަދި އިއުލާން ކުރުމެއް ނެތިކަމަށް އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އޭގެ އިތުރުން ސާކް ސަމިޓް ބޭއްވިއިރު ސައިޑްލައިން އެކްޓިވިޓީސް ތަކުގައި ބޭނުން ކުރުމަށް 32000 ރުފިޔާ ލައިޓިން ސިސްޓަމްތަކެއް ހޯދާފައިވަނީވެސް އިއުލާން ކުރުމަކާއި ނުލާކަން ވަނީ ފާހަގަކޮށްފަ އެވެ.
ދައުލަތުގެ މާލިއްޔަތާއި ހިލާފަށް ހިދުމަތާއި ތަކެތި ހޯދައި، އެ ފައިސާ ދޫކުރުމަށް ހުއްދަ ދޫކުރި ފަރާތްތަކާއިމެދު ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް އޮޑިޓާ ޖެނަރަލް ވަނީ އަންގާފަ އެވެ.
ދައުލަތުގެ މަލިއްޔަތުގެ ގާނޫނުގައިވާ ގޮތުން މާލިއްޔަތުގެ ގަވައިދާއި ހިލާފުވާ ފަރާތްކުގެ އަތުން ފައިސާ ހޯދުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެ އެވެ. އަދި އެމީހަކާއި މެދު ގާނޫނީ ފިޔަވަޅުއެޅުމަށް ކޯޓަށް މައްސަލަ ފޮނުވުމަށް ބަންޑާރަ ނައިބަށް އެންގުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެ އެވެ.
ދައުލަތުގެ މާލިއްތު ގަވައިދުގައި ބުނެފައިވާ ގޮތުން 25000 ރުފިޔާއަށްވުރެ އަގު ބޮޑު ހިދުމަތެއް ހޯދާނަމަ ނުވަތަ އެއްޗެއް ގަންނަ ނަމަ އާންމުކޮން އިއުލާންކުރަން ޖެހެ އެވެ.