ޝަހީދު އަލީ މިސްކިތުގައި ހުކުރު ކުރަން ހަވާލުވެވަޑައިގެން ހުންނެވި ޚަތީބު މިސްކިތަށް ވަޑައިނުގަތުމުން އެހެން މީހަކު އިމާމުވެ ހުކުރު ނަމާދު ކޮށްފި އެވެ.

މިއަދު މެންދުރު 12:40 ވީއިރު ވެސް ޚަތީބު ވަޑައިނުގަންނަވާތީ މިސްކިތުގައި ހުރި މީހަކު ވަނީ އަޑުގަދަކުރާއިން އެކަން ނަމާދަށް ހާޒިރުވި އެންމެނަށް އަންގަވާފަ އެވެ. އަދި ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވާ ބޭފުޅެއް މިސްކިތަށް ހާޒިރުވެ އިންނަމަ ހުކުރު ޚުތުބާ ވިދާޅުވެ، ނަމާދު ކުރެއްވުމަށް އެމީހާ އެދިވަޑައިގެންނެވި އެވެ.

ޝަހީދު އަލީ މިސްކިތަށް ޚަތީބު ވަޑައިނުގަންނަވާތީ މިއަދު ކިޔަންހަމަޖެހިފައިވާ ހުކުރު ޚުތުބާ ވެސް އެ މިސްކިތަށް ލިބިފައިނުވެ އެވެ. މިސްކިތުގައި ހުރި އެމީހާގެ އެދިލެއްވުމަކަށް މިސްކިތަށް ހާޒިރުވެ އިން ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވާ މީހަކު ވަނީ އެ މިސްކިތުގައި އޮތް އެހެން ހުތުބާއެއް އިއްވާފަ އެވެ.

މިސްކިތްތަކާ ހަވާލުވެހުންނެވި ސިޓީ ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލް އަބްދުލް ހަމީދު އަލީ ވިދާޅުވީ މިއަދު އެ މިސްކިތުގައި ހުކުރު ކުރުމަށް ހަމަޖެހިފައި އޮތީ ހުކުރު ކުރުމުގެ ހުއްދަލިބިފައިވާ ބޭފުޅެއް ކަމަށްވާ އެމްޓީސީސީގެ ޗެއާމަން އިގުބާލް އާދަމް ކަމަށާއި މިސްކިތަށް ނުދެވޭނެކަން އޭނާ އަންގަވާފައިނުވާ ކަމަށެވެ.

އަބްދުލް ހަމީދު ވިދާޅުވީ ސިޓީ ކައުންސިލުން ހަމަޖައްސާފައި އޮންނަ އުސޫލަކީ ހުރުކުރުމަށް މީހަކާ ހަވާލުކުރި ނަމަވެސް، އޭނާއަށް ނާދެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ ހުކުރު ނަމާދުކުރުމަށް ވަގުތީ ގޮތުން މީހަކު ހަމަޖައްސުން ކަމަށެވެ. ނަމަވެސް މިސްކިތަށް ވަޑައިނުގަނެވޭކަން އިގްބާލް ވަގުތީ މީހާއަށް ވެސް އަންގާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިގްބާލް މިއަދު "ސަން" އަށް ވިދާޅުވީ "ކުއްލި ކަމެއް ދިމާވުމުން" މިއަދު ހުކުރަށް ނުދެވުނީ ކަމަށާއި އެހެންވެ، އެކަން ސިޓީ ކައުންސިލަށް ނޭނގުނީ ކަމަށެވެ.