23 May 2014, 13:40
ވޮޝިންޓަން (މޭ 23) : މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް ހުންނެވި އެގައުމުގެ ކުރީގެ ދިފާއީ ވަޒީރު އަދި ސިފައިންގެ ވެރިޔާ މާޝަލް ރިޓަޔަޑް އަބްދުލްފައްތާޙް އައްސީސީ އަށް ތާއީދުކުރާ މިސްރު ރައްޔިތުންގެ ނިސްބަތް ބޮޑުނޫންކަން ޚިޔާލު ހޯދުމުގެ ސާވޭއަކުން ހާމަވެއްޖެ އެވެ.
ވޮޝިންޓަންގައި މަރުކަޒު ހުންނަ ޕިޔޯ މުއައްސަސާއިން މިސްރުގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރި ސާވޭއެއްގެ ނަތީޖާ ދައްކާގޮތުން ސީސީ މިސްރުގެ ރައީސް ކަމަށް އިންތިޚާބު ކުރުމަށް ތާއީދުކުރަނީ މިސްރު ރައްޔިތުންގެ ތެރެއިން 54 އިންސައްތަ މީހުންނެވެ. އަދި ޑރ. މުރުސީގެ ވެރިކަން ވައްޓާލުމަށް ޓަކައި ސީސީ އިސްކޮށް ހުންނަވައިގެން މިދިޔަ ޖުލައި މަހު މިސްރަށް ގެނައި އަސްކަރީ އިންގިލާބަށް މިސްރު ރައްޔިތުންގެ 43 އިންސައްތަ މީހުން ކަނޑައެޅިގެން ދެކޮޅުހަދާކަން ވެސް މިސާވޭން ހާމަވެފައިވެ އެވެ.
މިސްރުގެ ރިޔާސީ އިންތިޚާބަށް ސީސީ ކުރިމަތިލައްވާފައިވާ އިރު މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ ފުރްސަތު މިސްރުގައި ނެތުމުން މިއިންތިޚާބު ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ސީސީ ކާމިޔާބު ކުރައްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް ސީސީ މިސްރުގެ ވެރިކަމަށް އައުމާ ދެކޮޅު ހަދާކަން މިސްރު ރައްޔިތުންގެ ތެރެއިން 45 އިންސައްތަ މީހުން ހާމަކޮށްފައިވާ ކަމަށް ވޮޝިންޓަންގައި މަރުކަޒު ހުންނަ އެމެރިކާގެ ޕިޔޯ މުއައްސަސާއިން ބުނެފައިވެއެވެ. (ރޮއިޓާސް)