23 May 2014, 13:30
އދ. މަޖިލިސް (މޭ 23) : ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ މައްސަލަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމަށް ގޮވާލައި ފަރަންސޭސިވިލާތުން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރާ ދެކޮޅަށް ޗައިނާއާއި ރަޝިޔާ އިން ވީޓޯ ކޮށްފި އެވެ.
އދ.ގައި ތިއްބަވާ ޗައިނާއި ރަޝިޔާގެ މަންދޫބުން ވިދާޅުވީ ސޫރިޔާގެ ދާޚިލީ މައްސަލަ ހައްލުކުރަން ޖެހޭނީ އެ ގައުމުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކާ ދެމެދު ވާހަކަ ދައްކައިގެން ސުލްހަވެރިކަމާ އެކު ސިޔާސީ ގޮތުން ކަމަށާއި ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ސޫރިޔާގެ މައްސަލަ ހުށަހެޅުމަކީ އެ މައްސަލަ ހައްލުކުރަން އިތުރަށް އުނދަނގޫވެގެންދާނެ ކަމެއްކަމުގަ އެވެ. މިއީ ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާ ގުޅޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި އެކި މައްސަލަތަކާ ދެކޮޅަށް ޗައިނާއާއި ރަޝިޔާ އިން ވީޓޯގެ ބޭނުންކުރި ހަތަރު ވަނަ ފަހަރެވެ.
ޗައިނާ އާއި ރަޝިޔާގެ ވީޓޯއާ ގުޅިގެން މާޔޫސްވެފައިވާ އެމެރިކާ އިން ބުނީ ސޫރިޔާގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގައި ސަލާމަތީ މަޖިލިސް ނާކާމިޔާބު ވެފައިވާ ކަމަށާ މިކަމުގެ ޒިންމާ ޗައިނާއާއި ރަޝިޔާ ނަގަންޖެހޭނެ ކަމުގަ އެވެ. އަދި ކުރިޔަށް އޮތް ޖީލުތަކުން މިމައްސަލާގައި ސަލާމަތީ މަޖިލީހާ ސުވާލުކުރާނެ ކަމަށް ވެސް އެމެރިކާގެ މަންދޫބާ ސަމަންތާ ފޮކްސް ވިދާޅުވި އެވެ. ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ބުނެފައި ވަނީ ޗައިނާއާއި ރަޝިޔާގެ ވީޓޯއަކީ އެ ދެ ގައުމުން ހިންގި ޒިންމާދާރު ކުޑައަމަލެއް ކަމުގަ އެވެ. ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާ ގުޅިފައިވާ އެއްވެސް މައްސަލައެއް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރާ ނަމަ އެކަމާދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯކުރާނެ ކަމުގެ އިންޒާރު ރަޝިޔާ ކުރިންދީފައިވެ އެވެ.
ސޫރިޔާއަކީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓު އުފެއްދުމުގެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމަކަށް ނުވާތީ އެގައުމުގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ފަދަ މައްސަލަ ބައިނަލްއަގްވާމީ ކޯޓަށް ހުށަހެޅޭނީ އެކަމާބެހޭ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށް އެމަޖިލީހުގެ ރުހުން ލިބިގެންނެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ މައްސަލަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހަޅައިފި ނަމަ އެ ޖަރީމާތަކުގެ ފަހަތުގައިވާ ފަރާތްތައް ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމުގެ ގާނޫނީބާރު ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ލިބގެންދާނެ އެވެ. ސޫރިޔާގެ އިންސާނީ ހައްގުތަކާ ބެހޭ ފައިލް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ގެންދިޔުމާ ދެކޮޅަށް ސަލާމަތީ މަޖިލީހުގައި ވީޓޯކުރާނެ ކަމުގެ އިންޒާރު މީގެ ތިންދުވަސްކުރިން ރަޝިޔާ އިން ދީފައިވެ އެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ލާއިންސާނީ ޖަރީމާތަކުގައި ސޫރިޔާ ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިންވެސް ޝާމިލްވާ ކަމަށް އދ.ގެ ތަހްގީގީ ރިޕޯޓްތައް ބުނެ އެވެ. ސޫރިޔާގެ މައްސަލަ އދ. ސަލާމަތީ މަޖިލީހަށް ގެންދިޔުމަށްޓަކައި އެމެރިކާ އާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން މީގެ ކުރިން ވެސް ކޮށްފައިވާ މިފަދަ އެތަށް މަސައްކަތަކާ ދެކޮޅަށް ރަޝިޔާއާއި ޗައިނާ ވީޓޯގެ ބޭނުން ކޮށްފައިވެ އެވެ.
ސޫރިޔާގެ މައްސަލަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމަށް އެމެރިކާއާއި ހުޅަނގުގެ އެހެން ބާރުތަކުން މަސައްކަތް ކުރަމުން ގެންދާއިރު އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަކުގެ މައްސަލަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމަށް އެގައުމުތަކުން ގެންދަނީ ދެކޮޅު ހަދަމުންނެވެ. އަދި އިރާގާއި އަފްޣާނިސްތާން ފަދަ ގައުމުތަކުގައި އެމެރިކާ ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ މައްސަލަ ބައިނަލްއަގްވާމީ ގޮތުން ބަލައި ތަހްގީގް ކުރުމަށް ވެސް އެމެރިކާ ވަނީ ދެކޮޅު ހަދައިފަ އެވެ. (ނޫސްއެޖެންސީތައް)