23 May 2014, 01:15
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ކޮންމެ ހިއްސާސަކަށް 24 ރުފިޔާ ބަހަން އެ ކުންފުނިން ނިންމައިފި އެވެ.
ޓްރޭޑާސް ހޮޓެލްގައި މިރޭ ބޭއްވި އެ ކުންފުނީގެ 2013 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި، ހިއްސާއަކަށް 24ރ. ބަހަން ފާސްކުރީ އެ ޖަލްސާގައި ވޯޓްދިން ފަރާތްތަކުގެ 71 ޕަސެންޓް ވޯޓް ހޯދައިގެންނެވެ.
އެސްޓީއޯއިން ވަނީ 2012 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 75 ރުފިޔާ ބަހާފައެވެ.
އެސްޓީއޯގެ ހިއްސާއަކަށް 2012 ވަނަ އަހަރު 139 ރުފިޔާ ޖެހިފަިއވާއިރު 2013 ވަނަ އަހަރު ޖެހުނީ 112 ރުފިޔާ އެވެ. މިދިޔަ އަހަރު ހިއްސާއަކަށް އެވަރުގެ ފައިދާއެއް ވެފައިވާއިރު ހިއްސާއަކަށް 24ރ. ބަހަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމީ އެކުންފުނީގެ ކޭޝްފްލޯގައި ދަތިތަކެއް ހުރުމުގެ ސަބަބުންނެވެ.
ހިއްސާދާރުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބުނު އެ ޖަލްސާގައި އާދައިގެ މަތިން 2012 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި އަދި 2013 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި މިދިޔަ އަހަރުގެ ބެލެންޝީޓް ފާސްކޮށްފައި ވެއެވެ.
ކުރިއަށް އޮތް އަހަރު އެކުންފުނި އޯޑިޓް ކުރާނެ ފާމެއް ވެސް ވަނީ މިރޭގެ ޖަލްސާގައި ފާސްކޮށްފައެވެ. އެގޮތުން އެކްސްޓާނަލް އޯޑިޓް ފާމެއްގެ ގޮތުގައި ހަމަޖެއްސީ ކޭޕީއެމްޖީ ފޯޑް، ރޯޑް އެންޑް ތޯޓަން އެވެ. އެއީ 36000 ޑޮލަރަށެވެ.
އާންމު ހިއްސާ ދާރުންގެ ތެރެއިން ބޯޑަށް އިންތިހާބުވީ މިދިޔަ އަހަރު ވެސް އެ މަގާމު ފުރުއްވަމުން ގެންދެވި މުހައްމަދު ފަރުސަތު އެވެ. އެ މަގާމަށް ވާދަކުރެއްވީވެސް އޭނާ އެކަންޏެވެ. އޭނާ ވަނީ 117 ވޯޓް ހޯދާފައެވެ.
ޖަލްސާގައި ހިއްސާދާރުން ވަނީ އެ މީހުންގެ ހިޔާލުތައް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން ކުންފުނިން ރައްޔިތުންނަށްޓަކައި އިތުރަށް ބައެއް ކަންކަން ކޮށްދިނުމަށާއި އެސްޓީއޯއަށް ނުލިބި ހުރިފައިސާތައް ހޯދުމަށް ގިނަ މަސައްކަތް ތަކެއް ކޮށްދިނުމަށް އެދިފައިވެއެވެ.
ހިއްސާދާރުންގެ އެސުވާލުތަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ އާދަމް އާޒިމް ވިދާޅުވީ، އާ ސަރުކާރުން ހަވާލުވުމަށް ފަހު އެސްޓީއޯއަށް ލިބެންޖެހޭ ފައިސާތައް ހޯދުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އަދި އެފައިސާތައް ހޯދުމަށް އެސްޓީއޯއިން ބުރަ މަސައްކަތެއް ކުރަމުންދާކަމަށް ވެސް ޢާޒިމް ވިދާޅުވި އެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުގައި، އެކުންފުއްޏަށް މިދިޔަ އަހަރު ވަނީ އާމްދަނީގެ ގޮތުގައި 10 ބިލިއަން ރުފިޔާ ލިބިފައެވެ. 2012 ވަނަ އަހަރު ލިބިފައިވަނީ ނުވަ މިލިއަން ރުފިޔާގެ ފައިދާއެކެވެ. އަދި 2012 ވަނަ އަހަރު 520 މިލިއަން ރުފިޔާގެ ސާފު ފައިދާވި ކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 593 މިލިއަން ރުފިޔާ އެވެ.