ދުނިޔެގޭ އެންމެ ބޮޑު އާބާދީ ޗައިނާގައި ސްކައިޕް މަނާކޮށްފި އެވެ.


ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ރަސްމީ ނޫސް ޕީޕަލްސް ޑެއިލީ އިން ބުނީ ސަރުކާރުން ހިންގާ "ޗައިނީޒް ޔުނިކޮމް" އާއި "ޗައިނީޒް ޓެލެކޮމް" ފިޔަވައި އިންޓަނެޓް މެދުވެރިކޮށް ފޯނުކޮށް މުވާސަލާތުކުރުމުގެ ޚިދުމަތް ދޭ، ސްކައިޕް ފަދަ ހުރިހާ ހިދުމަތްތަކެއް ބޭނުންކުރުން މަނާކޮށްފި ކަމަށެވެ.


ސްކައިޕް ވެގެން ދާނީ އެކި ކަންކަމާއި ގުޅިގެން ޗައިނާއިން މަނާ ކޮށްފައިވާ، ހުޅަނގަށް ނިސްބަތްވާ އިންޓަނެޓް ބޭސްޑް ސާވިސަސް ލިސްޓަށް އެންމެ ފަހުން އިތުރުވެގެންދިޔަ ކުންފުންޏަށެވެ. މި ލިސްޓްގައި މިހާރުވެސް ފޭސްބުކް، ޔޫޓިއުބް، ޓުވިޓާ، ފްލިކާ، ބިންގް، ހޮޓްމެއިލް، ވާޑްޕްރެސް، ފޯސްކޮޔާ އަދި ޓްވިޓްޕިކް ފަދަ މަޝްހޫރު ޚިދުމަތްތައް ހިމެނެއެވެ. 


މިކަމާއި ގުޅޭގޮތުން ބެއިޖިން ޔުނިވާސިޓި އޮފް ޕޯސްޓް އެންޑް ޓެލެކޮމިއުނިކޭޝަން ގެ ޕްރޮފެސާ ކަން ކައިލީ  ވިދާޅުވެފައިވަނީ،  މަނާ ކުރިނަމަވެސް ސްކައިޕާއި އެނޫންވެސް އެފަދަ ސޮފްޓްވެއާތަށް ޗައިނާއިން ބޭރު ވެބްސައިޓްތަކުން ޑައުންލޯޑް ކުރެވޭނޭ މަގު ފަހިވެފައި އޮތުމާއިއެކު މިފަދަ ކަމެއް ތަންފީޒުކުރުން ވާނީ ވަރަށް ދަތި އުނދަގޫ ކަމަކަށް ކަމަށެވެ.


އޭނާ އިތުރަށް ވިދާޅުވީ އެމްއެސްއެން އާއި ޖީޓޯކް ފަދަ ޚިދުމަތްތައް މާކެޓުގައި ލިބެން ހުރިނަމަވެސް ސްކައިޕަކީ މި މައިދާނުގައި އެންމެ އުހުގައި އޮތް ކުންފުނިކަމަށާއި ޤައުމުން ބޭރުގައި ކިޔަވަމުންދާ ސަރުކާރުގެ އިސް އޮފިޝަލުންގެ ދަރިންވެސް ގެއަށް ގުޅުމަށް ޓަކައި ބޭނުންކުރަނީ މިފަދަ ޚިދުމަތްތައް ކަމަށެވެ.


 "އެހެންވީމާ އަޅުގަނޑަކަށް ހިއެއްނުވޭ، އެއްވެސް ބޭފުޚަކު އެ ފޯނު ލައިންތަށް ކަނޑާލަފާނެ ހެނެއް" ސްކައިޕަށް ނިސްބަތްކުރައްވައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވި އެވެ.


އަދި  ވިދާޅުވީ "ސްކައިޕް ބޭނުންކުރާ ފަރާތްތަކުގެ އިންޓަނެޓް ޚިދުމަތް ބްލޮކް ކުރުން ކަހަލަ ހަރުކަށި ފިޔަވަޅެއް އެޅިޔަސް، އެ ޚިދުމަތް ބޭނުންކުރަން ބޭނުންވާ ބަޔަކު އިތުރުގޮތްތަށް ހޯދާނެ" ކަމަށެވެ.


 ސްކައިޕުން ބުނެފައިވަނީ މިފަދަކަމެއް ހިނގިކަން އެނގިފައި ނުވާކަމަށެވެ. ސްކައިޕް ބޭނުން ކުރަން ބޭނުންވާ ޗައިނާގެ ކަސްޓަމަރުންނަށް މިހާރުވެސް "ޓޮމް އޮންލައިން" ގެ އެހީގައި އެ ޚިދުމަތް ލިބޭނެ ކަމަށެވެ.