22 May 2014, 23:04
އަންނަ މަހުގެ 12 ވަނަ ދުވަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފައިވާ ކަމަށް ފްރާންސްގެ މިޑްފީލްޑަރު ފްރޭންކް ރިބެރީ ބުނެފި އެވެ.
އުމުރުން 31 ރިބެރީ ފްރާންސްގެ މީޑިއާތަކަށް ދީފައިވާ އިންޓަވިއުތަކުގައި ބުނެފައި ވަނީ، ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމީ ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށާއި އެހެން ކަމުން މިފަހަރުގެ ވޯލްޑް ކަޕަކީ ފުޓްބޯޅައިގެ ހަޔާތުގައި ވަރަށް ބޮޑަށް ފާހަގަ ކޮށްލެވޭނެ މުބާރާތެއް ކަމަށެވެ. އަދި މުބާރާތް ފްރާންސްއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި އަދި ތަފާތު މޮޅު ކުޅުމެއް ދައްކަން ބޭނުންވާ ކަމަށް ވެސް ރިބެރީއާ ހަވާލާދީ ފްރާންސްގެ ނޫސްތަކުގައި ބުނެފައިވެ އެވެ.
"ކުރިއަށް އޮތީ އަހަރެންގެ ފަހު ވޯލްޑް ކަޕް. ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަކަށް ދެނެއް ނުކުޅޭނަން. މިފަހަރުގެ މުބާރާތުގައި ރަނަގަޅު ކުޅުމެއް ދައްކަން ބޭނުން. އަހަރެން މިހުރީ ވޯލްޑްކަޕް ފްރާންސްއަށް ކާމިޔާބު ކޮށްދިނުމަށް ނިކުމެ." ރިބެރީ ބުންޏެވެ.
ރިބެރީ ބުނީ، ކުރިއަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ ފުޓްބޯޅައިގެ ހަޔާތުގައި މިވީހާ ތަނަށް ކުޅޭ ތިން ވަނަ ވޯލްޑް ކަޕް ކަމަށެވެ. އަދި ގައުމީ ޓީމަށް ކުޅުން ހުއްޓާލި ކަމަކު ކުރިއަށް އޮތްތާގައި ވެސް ގައުމީ ޓީމަށް ކާމިޔާބު ހޯދާ ދިނުމުގައި ދެމިހުންނާނެ ކަމަށް ވެސް ރިބެރީ ބުނެފައިވެ އެވެ.
އަމިއްލަ ގައުމުގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލައިލި ފްރާންސުން މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ހިމެނެނީ ގްރޫޕް އީ ފަޅީގަ އެވެ. މި ފަޅީގައި ފްރާންސްއާ އެކު ދެން ހިމެނޭ ޓީމް ތަކަކީ ސްވިޒިލޭންޑް އާއި އިކުއެޑޯ އަދި ހޮންޑިއުރާސް އެވެ.
ފީފާ ރޭންކިންގައި މިވަގަުތު 16 ވަނަ މަގާމްގައި އޮތް ފްރާންސް ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 15 ވަނަ ދުވަހު ނުކުންނާނީ ހޮންޑިއުރާސްއާއި ދެކޮޅަށެވެ.
މިފަހަރުގެ ވޯލްޑް ކަޕަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް އިއުލާން ކުރި 23 ކުޅުންތެރިންގެ ތެރޭގައި ތިން ގޯލްކީޕަރުންނާއި އަށް ޑިފެންޑަރުންނާއި ހަތް މިޑްފީލްޑަރުން އަދި ފަސް ފޯވާޑުން ހިމެނެ އެވެ. އަދި ފްރާންސްގެ ސްކޮޑުން މިފަހަރު ބާކީވި މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ނަސްރީގެ އިތުން ދެން ހިމެނެނީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ފުލްބެކް ގައެލް ކްލީޗީ އެވެ.