22 May 2014, 22:53
ބެންކޮކް (މޭ 22 ): ތައިލެންޑުގެ މަދަނީ ވެރިކަން ޢަސްކަރީ އިންގިލާބަކުން ވައްޓާލައި އެގައުމުގެ ވެރިކަމާ ސިފައިން ހަވާލުވި ނަމަވެސް ތައިލެންޑްގެ ޚާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެގައުމުގެ ސިފައިންގެ ވެރިޔާ އަދި އިންގިލާބު ގެނައުމުގައި އިސްކޮށް ހުންނެވި ޖެނެރަލް ބްރަޔޫތް ޗާންއޮޗާ ވިދާޅުވެއްޖެ އެވެ.
ތައި ރަސްމީ ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި ޖެނެރަލް ޗާން އޮޗާ ވިދާޅުވެފައި ވަނީ ތައި ޚާރިޖީ ސިޔާސަތު ކުރިޔަށް ދާނީ ކުރިން ވެސް ކުރިޔަށް ދިޔަ ގޮތަށް ކަމަށާ ބޭރު ގައުމުތަކާއި ތައިލެންޑާ ދެމެދުގައިވާ ގުޅުންތަކަށާއި ސޮއިކޮށްފައިވާ މުޢާހަދާތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގަ އެވެ. މީގެ އިތުރުން ޢަސްކަރީ އިންގިލާބެއް ގެނަސް ސިފައިން ވެރިކަމާ ހަވާލުވީ ތައިލެންޑްގައި ހިނގަމުންދާ ސިޔާސީ ކޯޅުންތަކުގެ ސަބަބުން ގައުމުގެ އަމަން އަމާންކަމާއި ނިޒާމު ގެއްލި އިގްތިސާދު ހީނަރުވަމުން ދާތީ ގައުމު ހަމައަކަށް އެޅުމަށް ކަމަށް ވެސް ޖެނެރަލް ޗާން އޮޗާ ވިދާޅުވި އެވެ.
މިއީ 1932 ވަނަ އަހަރަށްފަހުތައި ސިފައިން ޢަސްކަރީ އިންގިލާބުތަކުގައި އެގައުމުގެ މަދަނީ ސަރުކާރުތައް ވައްޓާލުމަށް ފަހު ވެރިކަމާ ހަވާލުވި 12 ވަނަ ފަހަރެވެ. ތައިސިފައިން އެގައުމުގެ ވެރިކަމާ ހަވާލުވިކަން އިއުލާނުކޮށްފައި މިވަނީ މިދިޔަ އަންގަރާ ދުވަހު އެގައުމުގައި އަސްކަރީ ގާނޫނު(މާޝައްލޯ) ހިންގަންފެށިކަން ވެސް އިއުލާން ކުރުމަށްފަހުގަ އެވެ.
ނަމަވެސް ސިފައިން ބުނެފައި ވަނީ ޢަސްކަރީ އިންގިލާބެއްގައި މަދަނީ ވައްޓާލުމަށް ފަހު ވެރިކަމާ ހަވާލުވާން ބޭނުންނުވާ ކަމަށާއި އެފަދަ ރޭވުމެއް ވެސް ނެތްކަމުގަ އެވެ. ތައި ސިފައިން ޢަސްކަރީ އިންގިލާބެއްގައި 12 ވަނަ ފަހަރަށް ވެރިކަމާ ހަވާލުވެފައިމިވަނީ އެގައުމުގެ ދަސްތޫރީ ކޯޓުން ކުރީގެ ބޮޑު ވަޒީރާ ޔަންގްލަކްޝިނަވަޓްރާ ވެރިކަމުން ދުރުކުރުމަށްކުރި ހުކުމަށް ފަހު ވަގުތީ ބޮޑުވަޒީރުކަމާ ވިޔަފާރިއާ ބެހޭ ވަޒީރު ހަވާލުވެފައިވަނިކޮށެވެ. ޔަންގްލަކް މަގާމުން ދުރުކުރުމަށް ދަސްތޫރީ ކޯޓުން ހުކުމްކުރީ އޭނާ ބޮޑުވަޒީރު ކަމުގައި ހުންނަވައިގެން މަގާމުގެނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރެއްވިކަން ސާބިތުވާތީ ކަމަށް ބުނެފަ އެވެ.
ތައި ދަސްތޫރީކޯޓުން ވަނީ އެންމެފަހުން އެގައުގައި ބޭއްވި އާންމު އިންތިހާބަކީ ވެސް ބާތިލުއިންތިހާބެއް ކަމަށް ކަނޑައަޅައިފަ އެވެ. ޔަންގްލަކްގެ ވެރިކަމުގައި އާންމު އިންތިޚާބެއް ބޭއްވީ އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތަކާއި ފިއްތުންތައް ބޮޑުވެ ޔަންގްލަކްއަށް ވެރިކަމުގައި ހުންނަވަން ދަތިވާ ހިސާބަށް ކަންތައްތައް ދިޔުމާއެކު އެކަމަނާގެ ފެއުތައި ޕާޓީ އަށް ރައްޔިތުންގެ ތާއީދުއޮތް މިންވަރު ބެލުމަށްޓަކަ އެވެ.
އެއިންތިޚާބު ވަރަށް ބޮޑު އަޣްލަބިއްޔަތަކުން ޔަންގްލަކްގެ ޕާޓީ ކާމިޔާބުކުރުމުން އިދިކޮޅު ފަރާތްތަކުގެ އަގަތައް ބަންދުވެ އެމީހުންވަނީ ލަދުގަނެ ގޮތް ހުސްވެފަ އެވެ. އަދި މަގާމުގެ ބާރާއި ނުފޫޒު ހިންގި ކަމަށް ބުނެ ތައި ދަސްތޫރީ ކޯޓުން ޔަންގްލަކް ވެރިކަމުން ދުރުކުރީ އޭނާގެ ވެރިކަން ވައްޓާލުމަށް ދެން ކުރާނެ ކަމެއް ނެތުމާ އެކު ބަޔަކު ރޭވި ރޭވުމެއްގެ ދަށުން ކަމަށް ފެއުތައި ޕާޓީގެ ބައެއް އިސްފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.
(ނޫސްއެޖެންސީތައް)