ދިވެހި ރާއްޖެ އިން ޔޫރަޕިއަން ޔޫނިއަން އަށް ކުރިން ކަނޑައެޅި އެމްބެސެޑަރު އަލީ ހުސައިން އަށް އެލަވަންސްގެ ގޮތުގައި ގަވާއިދާ ހިލާފަށް ފައިސާ ދޫކޮށްފައިވާ ކަމަށާއި އެ ފައިސާ އަނބުރާ ހޯދުމަށް އޮޑިޓާ ޖެނެރަލް އަންގަވައިފި އެވެ.


އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހީމް މިއަދު ސޮއިކުރައްވައި ނެރުއްވި ފޮރިން މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖެ އިން ޑިޕޮލަމެޓިކް މިޝަންތަކުގެ ވަޒީފާތަކަށް ފޮނުއްވާ މުވައްޒަފުންނަށް ދިނުމަށް ކަނޑއަޅާފައިވާ އެލަވަންސާ ހިލާފަށް އޭރު އީޔޫ އަށް ކަނޑައަޅާފައި ހުންނެވި އެމްބެސަޑަރަށް، 2011 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން އެ އަހަރުގެ ނިޔަލަށް 17،500 އެމެރިކާ ޑޮލަރު (269،850 ރުފިޔާ)ގެ ހާއްސަ އެލަވަންސެއްދީފައިވާ ކަމަށެވެ. އަދި ގްރާންޓެއްގެ ގޮތުގައި މަހަކު 3500 ޑޮލަރުގެ ރޭޓުން ދިން އެ އެލަވަންސް އޮކްޓޫބަރު މަހު ދެ ފަހަރަށް، އެމްބެސަޑަރަށް ދީފައިވާ ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

އެ އެލަވަންސްގެ އިތުރުން އެމްބެސެޑަރުގެ ބޭންކް އެކައުންޓަށް 7،566 ޔޫރޯ ރެޕްރެޒެންޓޭޝަނަލް ގްރާންޓްގެ ގޮތުގައި ޖަމާކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެ މުއްދަތުގައި އެމްބެސަޑަރަކަށް ހުންނެވީ މާލޭތިލަ އަލީ ހުސައިން އެވެ.

ރެޕްރެޒެންޓޭޝަނަލް ގްރާންޓަކީ އެމްބަސީތަކުގެ ދެ ވަނަ ސެކްރެޓަރީން ފެށިގެން މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން، މަގާމުގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރުމަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށް ދޭ ފައިސާއެއް ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވެ އެވެ. އަދި އެ ފައިސާގެ ހަރަދުކުރި ގޮތުގެ ބިލްތައް ހުށަހަޅަން ޖެހޭ ކަމަށާއި އެ ބިލްތައް ހުށަހެޅުމުން އެ ބިލްތަކަށް ފައިސާ އަނބުރާ ދައްކަން ޖެހޭ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ. ނަމަވެސް އެެކަންކޮށްފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވީ ކުރީގެ އެމްބެސެޑަރަށް ދިން ފައިސާއަކީ ޑިޕްލޮމެޓިކް މިޝަންތަކަށް ވަޒީފާ އަށް ފޮނުވާ މުވައްޒަފުންނަށްދޭ އެލަވަންސްތަކާ ހިލާފަށް ދީފައިވާ ފައިސާއެއް ކަމަށާއި އެކަމުގައި އިހްމާލުވާ ފަރާތްތަކުގެ އަތުން އެ ފައިސާ އަނބުރާ ހޯދައި އެ ފައިސާ ދައުލަތުގެ އެކައުންޓަށް ޖަމާކުރަން ޖެހޭނެ ކަމަށެވެ.