22 May 2014, 21:44
ބޭންކް ގެރެންޓީގެ ހިދުމަތަށް އެދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ހުށަހަޅާ ކަސްޓަމަރުންނަށް އެ ހިދުމަތް ދުވަހުން ދުވަހަށް ބޭންކް ހުރިހާ ބްރާންޗަކުން ލިބޭ ގޮތް ހަމަޖައްސަައިފި އެވެ.
ބީއެމްއެލުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ބޭންކުން އެގޮތަށް ހަމަޖެއްސީ ބޭންކުން ދެމުން އަންނަ ހިދުމަތްތަކާ މެދު ކަސްޓަމަރުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ފަހު އެއަށް ބިނާކޮށް ބޭންކްގެ ކަސްޓަމަރުންނަށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކަމަށެވެ.
ބޭންކުން ގެނެސްފައިވާ އެ ބަދަލާ އެކު ކަސްޓަމަރުންނަށް ވިޔަފާރީގެ މުއާމަލާތްތައް ހަލުވިވެގެންދާނެ ކަމާއި ލުއިފަސޭހަކަމާ އެކު މުއާމަލާތްތައް ހިންގޭނެ މަގު ފަހިވެގެންދާނެ ކަމަށާއި ހިދުމަތް ދިނުމުގައި ބޭންކްގެ ފަރާތުން އެއްވެސް ކަހަލަ މައްސަލައެއް ދިމާވެއްޖެ ނަމަ އެ ހިދުމަތައް ފީ ނުނަގާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
އެ ބަދަލާ އެކު ބޭންކް ގެރެންޓީ ދޫކުރުމަށް ހަމަޖެހިފައި ވަނީ 100 ޕަސެންޓް ކޭޝް މާޒިން އަށް ދޫކުރާ ބޭންކް އެކައުންޓްތަކަށް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ. މި މިހިދުމަތް އެދުވަހުން ދުވަހަށް ހޯދަން ބޭނުންވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ ވެސް މެންދުރު 12:00ގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.
ބޭންކް ގެރެންޓީގެ ހިދުމަތަށް ބީއެމްއެލް އިން މިހާރުވެސް 70 ޑޮލަރު ނުވަތަ 700 ރުފިޔާ ޗާޖު ކުރެއެވެ.