22 May 2014, 21:40
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ. އަހުމަދު ޝަހީދާއި އަހުމަދު ނަސީމް (ކެރެފާ ނަސީމް)ގެ އަމިއްލަ ފޯނަށް ދައުލަތުން ދެއްކި ފައިސާ އަނބުރާ ހޯދަން އޮޑިޓާ ޖެނަރަލް ނިޔާޒް އިބްރާހިމް އަންގައިފި އެވެ.
އޮޑިޓާ ޖެނަރަލް މިއަދު ނެރުއްވި ފޮރިން މިނިސްޓްރީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ 2010 ވަނަ އަހަރުގެ ނިޔަލަށް ފޮރިން މިނިސްޓަރުކަމުގައި ހުންނެވި ޑރ. ޝަހީދުގެ ފޯނު ބިލަށް ދައުލަތުން 15،000 ރުފިޔާ ދައްކާފައިވާ ކަމަށެވެ. އަދި 2011 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވި ކެރެފާ ނަސީމްގެ މޯބައިލް ފޯނު ބިލްތަކަށް ޖުމްލަ 42،757 ރުފިޔާ ދައްކާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.
ކެރެފާ ނަސީމްގެ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިރު، މާލޭގައި ރޯމިންގެ ގޮތުގައި ބޭނުން ކުރެއްވި ސިންގަޕޫރު ފޯން ނަމްބަރުގެ މޯބައިލް ފޯނު ބިލަށް ދައުލަތުން 94،919 ރުފިޔާ ދައްކާފައިވާ ކަމަށް ވެސް އޮޑިޓުން ދައްކަަ އެވެ.
ގާނޫނާ ހިލާފަށް އެ ހަރަދު ކުރުމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކަކާ މެދު މާލިއްޔަތު ގާނޫނުގެ ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނަރަލް ނިޔާޒު ވަނީ އަންގަވައިފަ އެވެ. އަދި އެ ދެ ބޭފުޅުންގެ ފޯނު ބިލަށް ދައުލަތުން ދައްކާފައިވާ ފައިސާ އަނބުރާ ހޯދައި ދައުލަރުގެ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަންޖެހޭނެ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.