22 May 2014, 20:36
އޭއެފްސީ ޗެލެންޖް ކަޕުގައި ލާއޯސްއާ ދެކޮޅަށް މިއަދު ނުކުތީ ގިނަ ލަނޑުތަކެއް ކާމިޔާބުކުރަން ނޫންކަމުގައި ފިލިޕީންސްގެ ކޯޗު ތޯމަސް ޑޫލޭ ބުނެފި އެވެ.
މި މުބާރާތުގެ ގްރޫޕް ބީގައި މިއަދު ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނީ ލާއޯސް އާއި ފިލިޕީންސް އެވެ. މި މެޗު 2-0 ލަނޑުން ކާމިޔާބުކޮށް، ފިލިޕީންސް ވަނީ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ލާއޯސް އަތުން މޮޅުވެފަ އެވެ.
މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޑޫލޭ ބުނީ، މެޗުގެ ކުރިން ޖަހަންޖެހޭ ގޯލުގެ އަދަދު ކަނޑައެޅި ނަމަ، މެޗުން ބަލިވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ކޮންމެ މެޗަކުން ވެސް މުހިންމީ ތިން ޕޮއިންޓް ހޯދުން ކަމަށެވެ.
"މެޗަށް ނުކުތްއިރު، މެޗުން މޮޅުވާން މަޖުބޫރުކަން އަހަރެމެންނަށް އެނގުނު. އަހަރެމެން ކޮންމެހެން މަސައްކަތްކުރީ ފަސް ލަނޑުގެ ލީޑެއް ހޯދާކަށް ނޫން. އަހަރެމެން މަސައްކަތްކުރީ މެޗުން މޮޅުވާން. އަހަރެމެންނަށް ގިނަ ލަނޑުތަކެއް ކާމިޔާބުކުރެވުނު ނަމަ، ވަރަށް ރަނގަޅުވީސް. މެޗުގެ ކުރިން ޖަހަންޖެހޭ ގޯލުގެ އަދަދު ކަނޑައެޅި ނަމަ، މެޗުން ބަލިވުމަކީ އެކަށީގެންވާ ކަމެއް. އަހަރެންވެސް މަސައްކަތްކުރީ ގިނަ ލަނޑުތަކެއް ޖެހުމުގެ ވިސްނުން ކުޅުންތެރިންގެ ވިސްނުމުން ފުހެލަން. އަހަރެމެންނަށް ފުރުސަތުތަކެއް ލިބުނު، ނަމަވެސް ކާމިޔާބު ނުކުރެވުނީ. މި މޮޅާއި މެދު އަހަރެން ހިތްހަމަޖެހޭ،" އޭނާ ބުންޏެވެ.
ފިލިޕީންސްގެ ކޯޗު ބުނީ، ފިލިޕީންސްގެ އެންމެ ރަނގަޅު ކުޅުން ފެންނާނީ ހުރިހާ ކުޅުންތެރިން މަސައްކަތްކޮށް، އެ ކުޅުންތެރިންގެ އެންމެ ރަނގަޅު ކުޅުން ދައްކައިގެން ކަމަށެވެ.
"އަހަރެމެންގެ އެންމެ ރަނގަޅު ކުޅުން ދެއްކޭނީ ހުރިހާ ކުޅުންތެރިންގެ އެންމެ ރަނގަޅު ކުޅުން ދެއްކިގެން. މުބާރާތް ފެށެން ކައިރިވެފައި ވަނިކޮށް ފަހުން އަންނަ ކުޅުންތެރިން ލައިގެން ރަނގަޅު ކުޅުމެއް ދައްކަން ވަރަށް އުނދަގޫވާނެ. ފުރަތަމަ މެޗުގައި ވެސް އަދި މި މެޗުގައި ވެސް އަހަރެމެންގެ ފަރާތުން ކުށްތަކެއް ފެނުނު،" އޭނާ ބުންޏެވެ.
ޑޫލޭ އިތުރަށް ބުނީ، ގޯލްތަކެއް ކާމިޔާބުކުރަން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނުހިފުނީ މަސައްކަތްތަކެއް ނުކުރެވުމުން ކަމަށެވެ.
"އަހަރެމެންނަށް މިއަށްވުރެ ގިނަ ލަނޑުތަކެއް ކާމިޔާބުކުރެވުނީސް. ނަމަވެސް އަރިމަތިން ނަގައިދޭ ހުރަސްތައް ކާމިޔާބުކުރުމާއި ބޯޅަ ހޯދުމުގައި މަސައްކަތްތަކެއް ނުކުރެވުމުން ގިނަ ގޯލުތަކެއް ނުޖެހުނު. ފުރުސަތުގެ ބޭނުން ލިބުމުން ލަސްކުރުމުން ވެސް ބޯޅަތަކެއް ގެއްލިގެންދިޔަ،" ފިލިޕީންސްގެ ކޯޗު ބުންޏެވެ.
ގްރޫޕް ބީގައި މިރޭ ބައްދަލުކުރާނީ އަފްޣާނިސްތާނާއި ތުރުކުމެނިސްތާނެވެ. އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ 9:00ގަ އެވެ.