އޭއެފްސީ ޗެލެންޖް ކަޕަށް ނުކުތް އިރު، ލާއޯސް ޓީމަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ ތަމްރީނުކުރުމަށް ވަގުތު ނުލިބުން ކަމުގައި އެ ޓީމުގެ ކޯޗު ނޯރިއޯ ސުކިޓާޓޭ ބުނެފި އެވެ.

މި މުބާރާތުގެ ގްރޫޕް ބީގައި މިއަދު ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނީ ލާއޯސް އާއި ފިލިޕީންސް އެވެ. މި މެޗު 2-0 ލަނޑުން ކާމިޔާބުކޮށް، ފިލިޕީންސް ވަނީ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ލާއޯސް އަތުން މޮޅުވެފަ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނޯރިއޯ ބުނީ، ލާއޯސް ލީގު ކުރިއަށް ދާތީ ތަމްރީނުކުރުމުގެ މަސައްކަތް ނުކުރެވޭ ކަމަށާއި ދެން އެ ޓީމުން ވިސްނާނީ ސުޒުކީ ކަޕަށް ކަމަށެވެ.

"ހުރިހާ ކުޅުންތެރިންވެސް ކުޅެމުންދަނީ ލާއޯސް ލީގަށް. އަހަރެމެންނަށް ތަމްރީނުކޮށް، ތައްޔާރުވާން މާ ގިނަ ދުވަސްތަކެއް ނުލިބުނު. ލާއޯސްގެ ލީގަށް ފަހު، އަހަރެމެން ވިސްނަނީ ސުޒުކީ ކަޕަށް. އެ މުބާރާތަށް ތައްޔާރުވާން ވެސް އަހަރެމެންނަށް ލިބެނީ ގާތްގަނޑަކަށް އެއް މަސް ދުވަސް. އަހަރެމެންނަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ ތަމްރީނުކުރަން ވަގުތު ނުލިބުން،" ނޯރިއޯ ބުންޏެވެ.

ލާއޯސްގެ ކޯޗު ބުނީ، ފިލިޕީންސް އަތުން ބަލިވެ، މުބާރާތާއި އަލްވަދާއު ކިޔަން ޖެހުނު ކަމުގައި ވިޔަސް ގްރޫޕްގެ ފަހު މެޗުގައި އަފްޣާނު އަތުން މޮޅުވުމަކީ މުހިންމު ކަމެއް ކަމަށެވެ.

"މެޗަށް ނުކުތުމުގެ ކުރިން އަހަރެމެންނަށް ފުރުސަތެއް އޮތް. މެޗުގައި އަހަރެމެން މަސައްކަތްކުރިން. ނަމަވެސް ފިލިޕީންސް އަތުން ބަލިވުުމުން، އަހަރެމެންނަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމުގެ ފުރުސަތު މިވަނީ ގެއްލިފައި. އަހަރެން ވިސްނާ ގޮތުގައި، ގްރޫޕުގެ ފަހު މެޗަކީ އަހަރެމެންނަށް ވަރަށް މުހިންމު މެޗެއް. އަހަރެމެން ބޭނުންވަނީ އަފްޣާނިސްތާނު އަތުން މޮޅުވާން،" އޭނާ ބުންޏެވެ.

ލާއޯސްގެ ކޯޗު އިތުރަށް ބުނީ، މެޗަށް ނުކުތުމުގެ ކުރިން ކުޅުންތެރިންނަށް ހިތްވަރު ކުރުމަށް ގޮވާލައި އެންމެ ރަނގަޅު ކުޅުން ދެއްކުމަށް ގޮވާލި ކަމަށެވެ.

"މެޗުގެ ކުރިން އަހަރެން ކުޅުންތެރިންނާއި ވާހަކަދެއްކިން. އަހަރެމެން ހިތްވަރުކުރަން ޖެހޭނެ ކަމުގައި ކުޅުންތެރިން ކައިރީ އަހަރެން ބުނިން. ލާއޯސް ރައްޔިތުންގެ އުންމީދުތަކާއެކު އަހަރެމެން މުބާރާތަށް ނުކުތީ. އެހެންކަމުން 100 ޕަސެންޓް ކުޅުން ދެއްކުމަށް އަހަރެން އެކުޅުންތެރިންނަށް ވިސްނައި ދިނިން. އެންމެ ދުވަހަކުން ޓެކްޓީކްސް އާއި ކުޅުންތެރިން ފިޒިކަލް ބަދަލެއް ނުކުރެވޭނެ،" ނޯރިއޯ ބުންޏެވެ.

ފިލިޕީންސް އަތުން ލާއޯސް ބަލިވުމާއި ގުޅިގެން އެ ޓީމަށް ވަނީ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމުގެ ފުރުސަތު ގެއްލިފަ އެވެ. ދެ މެޗުން ބަލިވެ، ލާއޯސް ކޮޅަށް ހަތް ލަނޑު ވަދެފައިވާ އިރު، ކާމިޔާބުކުރެވިފައި ވަނީ އެންމެ ގޯލެކެވެ.

މި ގްރޫޕުގައި މިރޭ ބައްދަލުކުރާނީ އަފްޣާނިސްތާނާއި ތުރުކުމެނިސްތާނެވެ. އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ 9:00ގަ އެވެ.