31 Dec 2010, 17:28
ޏ. ފުވައްމުލަކު ބަނދަރަށް ވަންނަ ނެރުގެ ބޭރުފަރާތުގައި ޖަހާފައި ހުރި ރިންގުތައް މަރާމާތު ކުރުމަށް ބޭނުންވާ ހިލަ އެ ރަށަށް ގެންދިޔަ އެމްޓީސީސީގެ ބަނޑު ނެރުމައްޗަށް ހުރަސްވެ މިއަދު ހެނދުނުން ފެށިގެން ނެރު ބަންދުވެއްޖެ އެވެ.
ޕްރޮވިންސްގެ ނައިބު އަލީ މުހައްމަދު މިއަދު ވިދާޅުވީ ބަނދަރުގައި ޖަހާފައި ހުރި ރިންގުތައް މަރާމާތު ކުރަން ހިލަގެންދިޔަ ބަނޑު ނެރުމައްޗަށް އެރީ ދިޔަވަރު ހިކުމުގެ ސަބަބުން ބީހިގެން ކަމަށެވެ. ނަމަވެސް މިރޭ އިރުއޮއްސުނު ފަހުން ބަނޑު ފުންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޕްރޮވިންސްގެ ނައިބު ވިދާޅުވީ ބަނޑު ނެރުމައްޗަށް ހުރަސްވި ވަގުތު ބަނދަރަށް ވަންނަން ދިޔަ ބައެއް އުޅަނދުތަކަށް ނުވަދެވެގެން ރަށުގެ އެހެންދިމާލާ ކައިރި ކުރަން ޖެހުނު ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހެނދުނުއްސުރެ ފުވައްމުލަކު ނެރު ބަންދުވެފައިވުމުން މިއަދު މެންދުރު ކުރިން ފުވައްމުލަކަށް ދިޔަ ތިން ލޯންޗަކަށް ބަނދަރަށް ވަދެވޭ ގޮތް ނުވެގެން ފުވައްމުލަކު ބޭރުގައި ވަނީ މަޑުކުރަން ޖެހިފަ އެވެ. އަދި ލޯންޗުތަކުގައި ތިބި މީހުން ބަލާފައި ވަނީ ކުޑަ ބޮއްކުރައެއް ފަދަ އެއްޗެއް ލޯންޗެއް ކައިރިކޮށްގެން ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފަ އެވެ.