އައްޑޫ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު ގައި ލާއޯސް އަތުން 2-0 އިން މޮޅުވެ ފިލިޕީންސް މުބާރާތުގެ ސެމީއަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ތުރުކުމެނިސްތާން އަތުން 5-1 އިން ލާއޮސް ބަލިވި އިރު މި ގްރޫޕްގެ ދެވަނަ މެޗުގައި އަފްޣާނިސްތާނާ ފިލިޕިންސް ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި ދެޓީމު އެއްވަރު ވެގެންނެވެ. އެގޮތުން މިއަދުގެ މެޗުން މޮޅުވުމުން ލިބުނު ތިން ޕޮއިންޓާއެކު ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެން ފިލިޕިންސް މިވަގުތު އޮތީ ގްރޫޕުގެ އެއްވަނައިގައެވެ.

ލާއޯސްއަށް މި މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. ދެ މެޗުން ބަލިވެ، ލާއޯސް ކޮޅަށް ހަތް ލަނޑު ވަދެފައިވާ އިރު، އެޓީމަށް ކާމިޔާބުކުރެވިފައި ވަނީ އެންމެ ގޯލެކެވެ.

މިއީ މި ދެޓީމުގެ ކުރިމަތިލުންތަކުގައި ލާއޯސް އަތުން ފިލިޕީންސް މޮޅުވި ފުރަތަމަ ފަހަރެވެ.

މިއަދުގެ މެޗު ފެށިގެން ފުރަތަމަ 15 މިނިޓް ތެރޭގައި ފިލިޕިންސްއިން ލާއޯސްގެ ގޯލަށް ރަނގަޅު ދެތިން ހަމަލާއެއް އުފެއްދި އިރު 10 ވަނަ މިނިޓުގައި ފިލިޕިންސަށް ލިބުނު ކޯނަރެއް ލާއޯސް ގޯލްއޭރިޔާ ތެރެއަށް ހުރަސްކޮށްލި ވަގުތު ފިލިޕިންސްގެ ޖުއާން ގުއިރާޑޯ ބޮލުން ޖަހައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.

ފިލިޕިންސް ކުޅުންތެރިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ލާއޯސް ޓީމުން ކުޅެމުން ގެންދިޔަ ޑިފެންސިވް ކުޅުމުގެ ނަތީޖާއަކަށްވީ ފިލިޕިންސް އުފެއްދި ގިނަ ފުރުސަތުތައް އޮފްސައިޑު މަޅީގައި ޖެހުމާއި، އަދި އެނޫންވެސް ގޮތްގޮތުން ބޭކާރުވުމެވެ.

ފުރަތަމަ ހާފް ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ފިލިޕިންސަށް ލާއޯސްގެ ގޯލް ހުޅުވާލަ ދިނީ، ސިމޯން ރޮޓާއެވެ. ޖަރުމަނު ލީގުގެ އެއިންޓްރެޗް ފްރެންކްފަޓް އަށް ކުޅޭ އުމުރުން 27 އަހަރުގެ މިޑްފީލްޑަރު ސްޓެފަން ޝްރޮކް ލާއޯސް ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއެއް އެޓީމުގެ ޑިފެންޑަރެއްގެ ގައިގަ ޖެހިފައި ބޭރަށް ނުކުތް ވަގުތު ބޯޅަ ހޯދައިގެން ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ ރޮޓާ ފޮނުވާލި ބޯޅަ ގޮސްވަނީ ގޯލްގެ މަތީ ކަނަށެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގެ ގަދަހޫނުގައި ދެވަނަ ހާފްގެ ކުޅުން ފަށައިގެން ފިލިޕިންސް ނަތީޖާ ފުޅާކުރީ މެޗުގެ 63 ވަނަ މިނިޓްގައެވެ. ފިލިޕިންސަށް ލިބުނު ކޯނަރެއް ފިލިޕް ޔަންގްހަސްބެންޑް ލާއޯސްގެ ޕެނަލްޓީއޭރިޔާ ތެރެއަށް ހުރަސް ކޮށްލުމުން އޭރިޔާ ތެރޭގައި ހުރި ޕެޓްރިކް ރީޝެލް އެބޯޅަ ގޯލްގެތެރެއަށް ފޮނުވައިލީ ބުލުން ޖަހައެވެ.

މެޗުގެ 74 ވަނަ މިނިޓްގައި ފިލިޕް ވަނީ ލަނޑެއްޖަހާނެ ރަނުގެ ފުރުސަތެއް ބޭކާރުކޮށްލައިފައެވެ. ލާއޯސްގެ ގޯލް އޭރިޔާ ކުރިމަތީހުރެ ފިލިޕް ފޮނުވާލިބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00ގައި ގްރޫޕް ބީ ގެ ހަތަރުވަނަ މެޗުގައި ވާދަކުރާނީ ތުރުކުމެނިސްތާނާއި އަފްޣާނިސްތާނެވެ.