22 May 2014, 15:43
ތައިލެންޑް ސިފައިން އެގައުމުގައި ބަޣާވާތްކޮށް، ވެރިކަމާ ހަވާލުވިކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.
ތައިލެންޑް ސިފައިންގެ ވެރިޔާ ޖެނެރަލް ޕްރަޔޫތު ޗާން އޮންޗާ ޓީވީ މެދުވެރިކުރައްވައި ދެއްވި ބަޔާނެއްގައި ވިދާޅުވި ކަމަށް ބީބީސީ ބުނީ ތައިލެންޑް ސިފައިން ހަމަޖެހުން ގާއިމްކޮށް، ސިޔާސީ އިސްލާހުތައް ގެންނާނެ ކަމަށެވެ.
ތައިލެންޑް ސިފައިން ވެރިކަމާ ހަވާލުވިކަން މިއަދު އިއުލާން ކުރި ނަމަވެސް ސިފައިންގެ ބާރުގެ ދަށަށް އެގައުމު ގެންގޮސްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގަ އެވެ.
ތައިލެންޑްގައި ހަ މަސް ދުވަހަށް ވުރެ ދިގުލައިގެން ދިޔަ ސިޔާސީ ހަމަނުޖެހުންތަކަށް ފަހު ސިފައިން ވެރިކަމާ ހަވާލުވިކަމާ ހަވާލުވިކަން ރަސްމީކޮށް އިއުލާންކޮށްފައި ވަނީ އިއްޔެ އިން ފެށިގެން ސިޔާސީ ޕާޓީތަކާ ކުރި މަޝްވަރާތަކަކަށް ފަހު އެވެ.
ބެންކޮކްގައި ހުރި ބީބީސީގެ ކަރެސްޕޮންޑެންޓާ ހަވާލާދީ އެ އެޖެންސީން ބުނީ މަޝްވަރާ ކުރުމަށް އާމީ ކްލަބަށް ވެއްދި ސިޔާސީ ލީޑަރުންނަށް އެއްބަސްވުމަކާ ހަމައަށް ނާދެވުމުން، އެލީޑަރުން އެތަނުގައި ބަންދުކޮށްފައިވާ ކަމަށެވެ.
ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރި ކަމުގެ ކުށް ސާބިތުވި ކަމަށް ކަނޑައަޅައި، ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ޔިންލަކް ޝިނަވަޓްރާ އަށް މަގާމު ގެއްލިވަޑައިގެންފި ކަމަށް އެގައުމުގެ ސުޕްރީމްކޯޓުން ހުކުމްކުރީ މި މަހުގެ ކުރީކޮޅުގަ އެވެ.