22 May 2014, 15:41
ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދެ މާއްދާއެއް ބާތިލުކުރުމަށް ގާނޫނީ ވަކީލަކު ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ އެ ގާނޫނުގެ 47 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ހެކިތަކަކީ ގާނޫނު އަސާސީގެ 52 ވަނަ މާއްދާގައި ބުނާ މިންގަނޑަށް ޝަރީއަތަށް މައްސަލަ ސާބިތުކުރެވޭ ވަރުގެ ހެކިތަކެއް ނޫން ކަމަށެވެ.
ޝާހު ވިދާޅުވީ އެ މާއްދާގައި ކަނޑައަޅާފައިވާ ހެކިތަކަކީ އިސްލާމީ ޝަރީއަތުގައި ބަޔާން ވެގެންވާ ހަމަތަކާ ވެސް ހިލާފު ހެކިތަކެއް ކަމަށެވެ. އެހެންކަމުން އެ މާއްދާ ބާތިލުކޮށްދެއްވައި، އެ ގާނޫނުގައި ބުނާ ކުށްތައް ޝަރީއަތަށް ސާބިތުކުރާ މިންގަނޑަކީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ މިންގަނޑު ކަމަށް ކަނޑައަޅައި ދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
އެ ގާނޫނުގައި ބުނެފައިވާ ކުށެއްގެ ތަހުގީގު މަރުހަލާގައި ހަނު ހުރެވޭނެ ކަމަށް ގާނޫނުގެ 27 ވަނަ މާއްދާގައި ބުނެފައި ވާތީ އެއީ ގާނޫނު އަސާސީއާ ހިލާފު މާއްދާއެއް ކަމަށް ޝާހުވި ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ ހަނު ހުރުމަކީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެއް ކަމަށާއި އެފަދަ ހައްގެއް އެއްކޮށް ނުހިފެހެއްޓޭނެ ކަމަށެވެ. އަދި މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނަށް ބަލާ އިރު އަސާސީ ހައްގެއް ގާނޫނަކުން ނުހިފެހެއްޓޭނެ ކަމަށް އެނގެން އޮންނަ ކަމަށާއި އެ މާއްދާ ބާތިލްކޮށްދިނުމަށް ޝާހު ވަނީ އެދިވަޑައިގެންފަ އެވެ.
އޭނާ ވިދާޅުވީ ވަކި ވަރަކަށް ހެކި ލިބިއްޖެނަމަ އެއީ ޝަރީއަތަށް މައްސަލަ ސާބިތުކުރުމަށް އެކަށީގެންވާ ހެކިތަކެއް ކަމަށް ބަޔާންކޮށް، ހެކީގެ ނިސްބަތް ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.
އެ މައްސަލައަށް ޖަވާބުދާރީވަމުން ބަންޑާރަ ނާއިބް އޮފީހުގެ ޑެޕިއުޓީ ސްޓޭޓް އެޓާނީ އާމިނަތު ޒީނިއާ ވިދާޅުވީ ގާނޫނު އަސާސީއާ ތައާރަޒު ނުވާގޮތަށް، ހައްގުތައް ހިފެހެއްޓިދާނެ ކަމަށް ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ހަނުހުރުމުގެ ހައްގު ހިފެހެއްޓި ނަމަވެސް ގާނޫނު އަސާސީގެ ހަނުހުރުމުގެ ހައްގާ ބެހޭ މާއްދާގައި ބުނެފައިވާ އެހެނިހެން ހައްގުތައް ހިފަހައްޓާފައިނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ހަނުހުރުމުގެ ހައްގު ހިފަހައްޓާފައި އޮތުމަކީ ވަކިގޮތަކަށް ތަހުގީގުގައި ބަޔާންދިނުމަށް މަޖުބޫރު ކުރުވޭނެ ކަމެއް ނޫން ކަމަށާއި އެމީހަކު ބޭނުންވާ ގޮތަކަށް ތަހުގީގުގައި ބަޔާންދިނުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ.
ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގައި ބުނާ ކުށްތަކުގެ ތަހުގީގު މަރުހަލާގައި ހަނުނުހުރެވޭ ގޮތަށް ހަމަޖައްސައި، އަދި އެފަދަ ކުށްތައް ޝަރީއަތަށް ސާބިތުކުރުމުގައި ހާއްސަ ހެކީގެ ނިސްބަތެއް ކަނޑައަޅާފައި ވަނީ ޝަރީއަތަށް މައްސަލަތައް ސާބިތުކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާތީ ކަމަށް ވެސް ޒީނިއާ ވިދާޅުވި އެވެ.