22 May 2014, 15:25
ލައިސަންސް ނެތި ދުއްވި 21 ޓެކްސީއެއްް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ޓެކްސީ ކުރުމުގެ ގަވާއިދަށް އަމަލު ކުރޭތޯ ބެލުމަށް މިދިޔަ އޭޕްރީލް މަހުގެ 16 އިން މި މަހުގެ 18 އަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ވަނީ ލައިސަންސް ނެތި ދުއްވި 21 ޓެކްސީއެއް ޖޫރިމަނާކޮށްފައި ކަމަށެވެ. އަދި ކަޅު ބިއްލޫރި ޖަހައިގެން ދުއްވި 13 ޓެކްސީއެއް ވެސް ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ޓެކްސީ ގަވާއިދަށް އަމަލު ކުރަންފެށި ފަހުން ތަފާތު އެކި މައްސަލަތަކާ ގުޅިގެން 156 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ޓެކްސީ ކުރުމުގެ ލައިސަންސް ފެންނަ ގޮތަށް ހަރުކޮށްފައި ނެތި ދުއްވައިގެން 49 ފަރާތަކާ މެދު ފިޔަވަޅު އަޅާފައިވާ އިރު، ޓެކްސީ އަރިމަތީ ނަމާއި ނަމްބަރު ގަވާއިދާ ހިލާފަށް ހުރެގެން 29 ފަރާތެއް ވަނީ ޖޫރިމަނާކޮށްފަ އެވެ.
ޓެކްސީ ކުރުމުގެ ލައިސަންސް އާނުކޮށް ދުއްވައިގެން 16 ފަރާތެއް ޖޫރިމަނާ ކުރިއިރު، ލައިސަންސް އަތުގައިނެތި ދުއްވައިގެން އަށް ފަރާތެއް ވަނީ ޖޫރިމަނާކޮށްފަ އެވެ.
ފުލުހުން ބުނީ ޓެކްސީ ގަވާއިދަށް އަމަލު ކުރަން ފެށިފަހުން ޓެކްސީގައި ދިއްލޭ ބޯޑު ހަރުނުކޮށް ދުއްވައިގެން ފިޔަވަޅު އަޅާފައި ވަނީ އެންމެ ފަރާތަކާ މެދު ކަމަށެވެ. ޓެކްސީ ހުއްދަ ނެތި ދުއްވައިގެންނާއި ލައިސަންސްނެތި ދުއްވައިގެންނާއި އަހަރީ ފީހަމަވެފައި ވަނިކޮށް ދުއްވައިގެން ތިން ފަރާތެއް ވަނީ ޖޫރިމަނާކޮށްފަ އެވެ.
ލައިސަންސް ކާޑުގެ މުއްދަތު ހަމަވެފައި ވަނިކޮށް ދުއްވައިގެން ހަތަރު ފަރާތެއް ޖޫރިމަނާ ކުރިއިރު، ރޯޑްވާދިނަސް ނެތި ދުއްވި ފަރާތެއް ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި ފަސް ފަރާތެއް ޖޫރިމަނާކޮށްފައި ވަނީ ޓެކްސީ ކުރުމުގެ ލައިސަންސް މުއްދަތު ހަމަވެފައި އޮއްވައި ދުއްވައިގެންނެވެ.