22 May 2014, 14:15
މ. ފެއަރީ ކޯނާ، އަލީ ޝިފާން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރެއިން މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަންއާ ދެކޮޅަށް ލިބިފައިހުރި ހެކި ދަށު ކޯޓުން ވަޒަންކޮށްފައި ވަނީ ރަނގަޅަށް ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެ އެވެ.
ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ގާނޫނީ ވަކީލު ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަން ދަށު ކޯޓު މަރުހަލާގައި ވެސް އޭނާ ފާހަގަކޮށްފައިވާނެ ކަމަށެވެ. އަދި ހެކިބަސްދީފައިވާ މީހުންގެ ތެރެއިން ޝައިފަންއާ ދެކޮޅަށްދީފައިވާދީފައިވާ ހެކިބަސްތަކުގައި ހުރިކަމަށް އޭނާ ދެކެވަޑައިގަންނަވާ ފުށުއެރުންތައް ވަކީލު ވަނީ ތަފްސީލުކޮށް ޝަރީއަތަށް ކިޔައިދީފަ އެވެ.
ކީރިތި ގުރުއާނާއި އުންމަތުގެ އިލްމުވެރިން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު އެފަދަ މައްސަލަތަކުގައި ޑީއެންއޭ އަކީ ޝަރީއަތަށް ގަބޫލުކުރެވޭނެ އެއްޗެއް ނޫން ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އަދި އެގޮތަށް ނިންމާފައިވާ ނިންމުންތަކާ ހަވާލާދެއްވައި ވަރަށް ތަފްސީލުކޮށް އެކަމާ ގުޅޭގޮތުން ވަކީލު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ޝައިފަންގެ ވަކީލު ހަވާލާދެއްވި ނިންމުންތައް ޝަރީއަތަށް ހުށަހެޅުމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ އޭނާ އަށް އަންގާފައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ޝުއައިބު ހުސައިން ޒަކަރިއްޔާ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ މައްސަލަ ރައްދުވާ މީހުންގެ ތެރެއިން މ. ސިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލްހާދީއަށް ބަޔާން ހުށަހެޅުމަށް ފުރުސަތު ދިނުން ކަމަށެވެ.
މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ރައްދުވާ މ. ދިންމަނަ، އަބްދުﷲ ތިލްމީޒުގެ ވަކީލު ވަނީ ދައުލަތުން އިސްތިއުނާފުކޮށްފައިވާ ނުކުތާތަކަށް ޖަވާބުދެއްވާފައެވެ.
އަލީ ޝިފާން މަރާލި ކަމުގެ ތުހުމަތުގައި ޖުމްލަ ހަ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިއެވެ. ނަމަވެސް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ މިންވަރަށް ހެކި ލިބިފައިނުވާތީ އެއިން އެއްވެސް މީހެއްގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެ ތިން މީހުން ފިޔަވައި ދެންތިބި މީހުންގެ މައްސަލަ އިސްތިއުނާފުކޮށްފައި ނުވަނީ އެމީހުންގެ މައްސަލަ އިސްތިއުނާފު ކުރެވެން ނެތުމުން ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
އަލީ ޝިފާން މަރުވެފައި ވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:45 އެހާކަންހާއިރު ވެސްޓް ޕާކް ރެސްޓޯރެންޓް ކުރިމަތީގައި އޭނާ ހުއްޓައި ސައިކަލްތަކުގައި ދިޔަ ބަޔަކު އޭނާ އަށް ވަޅިން ހަމަލާދިމުގެ ސަބަބުންނެވެ.