އައްޑޫ ސިޓީން އަހުމަދު ސާއިދު

މިދިޔަ އަންގާރަ ދުވަހު ރޭ ހެރެތެރެ އައިލެންޑް ރިސޯޓުގައި ތިބި ފިލިޕީންސާއި އަފްޣާނިސްތާން ގައުމީ ޓީމް މެޗު ފެށުމުގެ ކުރިން އައްޑޫ ފުޓްބޯޅަ ދަނޑަށް ނާދެވި ލަސްވި މައްސަލަ ފެންމަތިވެފައި ވަނިކޮށް، ޓީމުތައް އުފުލުމަށް އިތުރު ދެ ލޯންޗެއް އައްޑޫ ސިޓީ އަށް ގެނެސްފި އެވެ.

އަފްޣާނިސްތާނާއި ފިލިޕީންސް ކުޅުނު މެޗަށް އެ ދެ ޓީމު ދަނޑަށް ގެނައުން ލަސްވީ، ޓީމުތައް ކަނޑުމަގުން އުފުލުމަށް އެމްއެންޑީއެފުން ބޭނުން ކުރި ލޯންޗެއް ހަލާކުވެގެންނެވެ. ޓީމުތައް ދަނޑަށް ގެންދިއުމުގެ ޓްރާންސްޕޯޓާ މެދު ޓީމުގެ ކޯޗުންގެ ފަރާތުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އައްޑުއަށް ދެ ލޯންޗު ގެނެސްފައި ވަނީ ގދ. ތިނަދޫއިންނެވެ.

އެ ދެ ލޯންޗަކީ ޒަމާނީ ފެންވަރަށް ހަދާފައިވާ ލޯންޗުތަކެކެވެ. ކޮންމެ ލޯންޗެއްގައި 25 މީހުން އުފުލޭނެ އެވެ. އައްޑުއަށް އެ ދެ ލޯންޗު އައިސްފައި ވަނީ ރޭ އިރާކޮޅު އެވެ. މިއަދު މެންދުރުފަހު 1:00 ފެށިގެން ހެރެތެރޭގައި ތިބި ޓީމުތައް އުފުލުމަށް އެ ލޯންޗުތަކުގައި ދަތުރުތައް ވަނީ ފަށާފަ އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުޅެން ހަމަޖެހިފައި އޮތް އަފްޣާނިސްތާނާއި ފިލިޕީންސް މެޗު ވަނީ ގަޑިއެއްހާއިރަށް ފަސްކޮށްފަ އެވެ. އެ ރޭ 9:00 ގައި ފަށަން އޮތް މެޗު ފެށީ 10:00 ގަ އެވެ. އެ މެޗު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

ފިލިޕީންސް ކޯޗު ތޯމަސް ޑޫލޭ ބުނި ގޮތުގައި އަފްޣާނިސްތާން އަތުން ލަނޑެއް ނުޖެހި އެއްވަރުވެގެން ދިޔަ ސަބަބަކީ ގިނަ ވަގުތު ކަނޑުމަތީގައި ހޭދަކުރަންޖެހުމެވެ.

"ހުރިހާ ކަމެއް ދިޔައީ އަހަރެމެން ބޭނުންވި ގޮތަކަށް ނޫން. އަހަރެމެން ކަނޑުމަތީގައި ގިނަ ވަގުތުތަކެއް ހޭދަކުރިން. އެކަމުގެ ސަބަބުން ހަ ކުޅުންތެރިން ބަލިވި. އެހެންވުމުން މެޗުގެ ރޭވުންތައް ބަދަލުކުރަން ޖެހުނީ. މިކޮޅަށް އައިގޮތަށް އައިސް މެޗު ކުޅެން ނުޖެހުމުން އުފާކުރަން،" ފިލިޕީންސް ކޯޗު ބުންޏެވެ.