ހަރުކަށި ހިންދޫ ވަތަނީ ވިސްނުމުގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ލީޑަރު ނަރެންދުރާ މޯދީ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފު ވަޑައިގަންނަވަން ރުހޭ ކަމަށް ކަމަށް ޝަރީފުގެ ޕާޓީން ބުނެފި އެވެ.

ނަވާޒް ޝަރީފު ނިސްބަތްވެވަޑައިގަންނަވާ ޕާކިސްތާން މުސްލިމް ލީގް އެން (ޕީއެމްއެލް-އެން)ގެ ތަރުޖަމާނު ސިއްދީގުލް ފާރޫގާ އިންޑިއާގެ އޭބީޕީ ޓީވީ އަށް ދެއްވި އިންޓަވިއުއްގައި ވިދާޅުވެފައި ވަނީ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޝަރީފު ވަޑައިގެންނެވުމަކީ މައްސަލައެއް ނޫން ކަމަށެވެ.

"... ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން އަޅުގަނޑު ދެކެނީ. މޯދީގެ ދައުވަތު ނަވާޒް ޝަރީފު ގަބޫލުކުރައްވާނެ ކަމަށް. އަދި ގަބޫލުކުރައްވައި މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަކީ މުހިއްމު ކަމެއް ކަމަށް. މުސްލިމުންނާ ދެކޮޅަށް ފިޔަވަޅު އެޅުއްވި ކަމަށް މޯދީގެ މައްޗަށް ކުރެވޭ ތުހުމަތާ މެދު މަޝްވަރާ ކުރައްވަން ލިބޭ ފުރުސަތަކަށް ވެސް އެކަން ވާނެ. އަނެއްކޮޅުން ސާކްގެ ހުރިހާ ގައުމެއްގެ ވެރިންނަށް ދައުވަތު ދެއްވާފައި ވާތީ އެރަސްމިއްޔާތުގެ ހަވާސާގައި އޮންނަ ބައްދަލުވުންތައް ވާނީ ނުރަސްމީ ސާކް ސަމިޓެއް ފަދަ ކަމަކަށް،" އޭބީޕީއަށް ފޯނުން ދެއްވި އިންޓަވިއުގައި ފާރޫގު ވިދާޅުވެފައިވެ އެވެ.

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވަން ދެއްވި ދައުވަތު ގަބޫލުކުރެއްވުމަކީ ނަވާޒް ޝަރީފަށް ނިންމަވަން ވަރަށް އުނދަގޫ ނިންމެވުމަކަށް ވާނެ ކަމަށް ބެލެވެ އެވެ. އެއީ ޕާކިސްތާނުގެ ބައެއް ޖަމާއަތްތަކާއި އާއްމުންގެ ތެރެއިން ބައެއް މީހުން އެކަމާ ދެކޮޅުވީމަ އެވެ.

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ނަވާޒް ޝަރީފު ވަޑައިގަންނަވާނެކަން ނުވަތަ ނޫންކަން އަދި ޕާކިސްތާނު ސަރުކާރުން ރަސްމީކޮށް ކަށަވަރުކޮށެއް ނުދެ އެވެ. ޝަރީފު އެރަސްމިއްޔާތަށް ވަޑައިގެންނެވުން ވާނީ ވަރަށް ތާރީހީ ކަމަކަށެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ސާކްގެ ވެރިންނަށް މޯދީ ދެއްވި ދައުވަތު މިހާރު ތިން ގައުމަކުން ވަނީ ގަބޫލުކޮށްފަ އެވެ. އެއީ އަފްޣާނިސްތާނާއި ސްރީލަންކާއައި ރާއްޖެ އެވެ.