މައުލޫމާތު ހޯދައި ލިބިގަތުމަށް އުފައްދާ އިދާރާ، އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް ކޮމިޝަނަރަކު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފި އެވެ.

ސަރުކާރުގެ ގެޒެޓްގައި އިއްޔެ ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އިއްޔެ އިން ފެށިގެން އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ މެންދުރު ފަހު 3:00ގެ ނިޔަލަށް އެ މަގާމަށް ކުރިމަތިލުުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 45 ވަނަ މާއްދާގައިވާ ގޮތުން އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލާ މީހަކީ އުމުރުން 35 އަހަރުވެފައިވާ މީހެއް ކަމުގައިވާން ޖެހެ އެވެ. އަދި އެމީހަކީ އިސްލާމްދީންގައި ހައްދެއް ކަނޑައަޅައިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ޝާބިތުވެފައިވާ މީހެއް ކަމުގައިވެގެން ނުވާނެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމުގައި މަގާމަށް އައްޔަން ކުރާ މީހަކީ ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރާ މަގާމެއްގައި ހުރި މީހެއް ކަމުގައިވެގެން ނުވާނެ އެވެ. އަދި އެ މީހަކީ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އަދި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތެރިވާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް މައުލޫމާތު ހޯދައި ލިބިދިނުމުގެ ގާނޫނުގައިވެ އެވެ. އަދި އެމަގާމަށް ކުރިމަތިލާ މީހަކީ ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވާ އެދާއިރާ އިން ހަތް އަހަރުގެ ތަޒުރިބާ ހުރި މީހެއް ކަމުގައިވާން ޖެހޭނެ އެވެ.

އެ މަގާމަށް މީހަކު އައްޔަން ކުރެވޭނީ އެމާގަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގެންގެންނަވާ ނަންފުޅެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިގެން މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވޯޓްލާ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ މީހެކެވެ.

މި މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެކަށް އެދި ހުށަހަޅާ ފޯމާއި އިގުރާރު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑްކުރެނޭ ކަމަށް އެ އިޢުލާންގައިވެ އެވެ.